ކުޅިވަރު

ކޮލިފިކޭޝަން ފޭސްގައި ރާއްޖޭގެ ފަރާތުން އިތުރު ކުރިއެރުން ފެންނާނެ: އިލާން

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ކޮލިފިކޭޝަން ފޭސްގައި ރާއްޖޭގެ ފަރާތުން އިތުރު ކުރިއެރުން ފެންނާނެ: އިލާން

މިޔަންމާއާ ދެކޮޅަށް ނުކުތް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު. -- ފޮޓޯ/ އޭއެފްސީ

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ފޭސްގައި ވާދަ ކުރާއިރު، ރާއްޖޭގެ ޓީމުގެ ފަރާތުން، މި އަހަރަށް ވުރެ އިތުރު ކުރިއެރުން ފެންނާނެ ކަމަށް ކެޕްޓަން މުހައްމަދު އިލާން އިމްރާން ބުނެފި އެވެ.

އިލާން މިހެން ބުނީ އިއްޔެ ކުޅުނު ޑިވެލޮޕްމަންޓް ފޭސްގެ ފަހު މެޗަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުންނެވެ. އިލާން ބުނީ ޑިވެލޮޕްމަންޓް ފޭސްގައި އެންމެ ފަހު މެޗު ކާމިޔާބު ކުރެވުނު ނަމަ ދަތުރު ފުރިހަމަ ވީސް ކަމަށާއި ނަމަވެސް ފަހު މެޗު ދިޔައީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށް އޭނާ ބުންޏެވެ.

"މިޔަންމާއަކީ ގުރޫޕްގެ އެންމެ ވަރުގަދަ ޓީމުކަން އެނގިގެން އަހަރެމެން ތައްޔާރު ވެސް ވީން، އެކަމަކު ބޭނުންވި ގޮތަކަށް ނޫން މެޗު ދިޔައީ. އަހަރެމެންގެ ޓާގެޓަކަށް ވީ ދެން އޮންނަ ކޮލިފައިންގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ކަށަވަރު ކުރުން. އެކަން ހާސިލް ވި، އެކަމަކު މި ދަތުރު ވަރަށް ފުރިހަމަ ވީސް މި މެޗު (މިޔަންމާ މެޗު) ކާމިޔާބު ކުރެވުނު ނަމަ،" މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން އިލާން ބުންޏެވެ.

"މި މެޗުތަކުގެ ޖުމްލަ ނަތީޖާއާ މެދު ހުރިހާ ދިވެހިން ވެސް އުފާވާނެ ކަމަށް އުންމީދު ކުރަނީ. ޓީމާ ވަރަށް ދުރުގައި ތިބެގެން ވެސް ތި ދެއްވާ ސަޕޯޓަށް މުޅި ޓީމު ނަމުގައި ޝުކުރު އަދާކުރަން. އުންމީދަކީ ދެން އޮތް ބުރުގައި (ކޮލިފިކޭޝަން ބުރުގައި) މިއަށްވުރެ ބޮޑަށް ޓީމުން ކުރިއެރުން ފެނުން."

ޑެވެލޮޕްމަންޓް ފޭސްގެ ފަހު މެޗުގައި ރާއްޖެ ބަލިވީ، ގުރޫޕްގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ މިޔަންމާއާ ވާދަކޮށް 6-0 އިންނެވެ. މިޔަންމާ އަށް ގުރޫޕްގެ އެއްވަނަ ލިބުނު އިރު، ރާއްޖެ ނިންމާލީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ރާއްޖެ ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. އެންމެ ފުރަތަމަ ބުރުނާއީއާ ދެކޮޅަށް 2-0 އިން މޮޅުވި އިރު ދެވަނަ މެޗުގައި ސްރީލަންކާ ބަލިކުރީ 4-0 އިންނެވެ.

މިއާ އެކު 2029 ވަނަ އަހަރު އޮންނަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭނީ ކޮލިފިކޭޝަން ފޭސްގަ އެވެ.

ޑިވެލޮޕްމަންޓް ފޭސްގައި ހޯދި މި ކާމިޔާބީއަށް ފަހު، މިރޭ ޒުވާން ޓީމު އެނބުރި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް