ބޭސްފަރުވާއަށް ދޫކުރާ 1000 ޑޮލަރަކީ އެކަމަށް ބޭނުންކުރާ ޑޮލަރުކަން ކަށަވަރުކުރަން ޤައުމުތަކެއް ޚާއްސަކޮށްފި
ލިޔުންތެރިޔާ
އެމްއެމްއޭގެ އިދާރާ ހިންގަމުން އަންނަ އިމާރާތް.
ބޭސްފަރުވާ އަށް ދޫކުރާ 1000 އެމެރިކާ ޑޮލަރަކީ އެކަމަށް ބޭނުންކުރާ ޑޮލަރުކަން ކަށަވަރު ކުރުމަށްޓަަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަކި ޤައުމުތަކެއް ޚާއްސަކޮށްފި އެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ، އަމިއްލަ ޚަރަދުގައި ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ދާ ދިވެހިންނަށް 1000 ޑޮލަރު ދޫކުރާނެ ޤައުމުތަކަކީ، އިންޑިއާ އާއި، ސްރީލަންކާ އާއި، ތައިލެންޑު އާއި މެލޭޝިޔާ އާއި ސިންގަޕޫރު އަދި ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) ކަމަށެވެ. މީގެ ތެރެއިން އިންޑިއާ އަކީ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާގެ ކަންކަމަށް ގޮސް އުޅޭ ޤައުމެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ބުނެފައި ވަނީ، އާސަންދަ މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ދާ ފަރާތްތަަކަށް ކުރިއެކޭ ވެސް އެއްގޮތަށް 2000 އެމެރިކާ ޑޮލަރު ލިބެމުން އަންނާނެ ކަމަށެވެ.
އާސަންދައިގެން ދަށުން ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ދާ ދިވެހިންނަށް 2000 އެމެރިކާ ޑޮލަރު، އަދި އަމިއްލަ ޚަރަދުގައި ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ދާ ދިވެހިންނަށް 1000 ޑޮލަރު ދޭން ފެށީ 2025 ވަނަ އަހަރު އެވެ. މިއީ ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ދާ ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް