އަންނަ އަހަރު އިޤްތިޞާދީ ކުރިއެރުން 3.8 އިންސައްތައަށް ކުރިއަށް ޖެހޭނެ: ފިނޭންސް މިނިސްޓަރު
ލިޔުންތެރިޔާ
ރައީސް އޮފީހުގައި މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު ޒަރީރު ވާހަކަ ދައްކަވަނީ.
އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 3.8 އިންސައްތަ އަށް ކުރިއަށް ޖެހޭނެ ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަރީރު މިހެން ވިދާޅުވެފައި ވަނީ، ރޮއިޓާސް ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިޔުއެއްގައި އެވެ. އެ އިންޓަވިޔުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށެވެ.
އެހެން ނަމަވެސް، އެކަންކަމުން އަރައި ގަތުމަށް ދިވެހި ސަރުކާރުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށާއި، ސަރުކާރުން އޮތީ އެކަމަށް ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން މިނިސްޓަރު ޒަރީރު ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން ފަދަ ފިޔަވަޅުތަކާއި، މާލީ ދާއިރާގައި އަޅަން ޖެހޭ އެހެން ފިޔަވަޅުތައް ވެސް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. އެ ފިޔަވަޅުތަކާ އެކު، ރާއްޖެ އަށް މާލީ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވޯލްޑް ބޭންކް އަދި އެހެނިހެން އިދާރާތަކާ އެކު ވެސް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ޒަރީރު ވަނީ އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 3.8 އިންސައްތަ އަށް ކުރިއަށް ޖެހޭނެ ކަމަށް ފާހަގަ ކުރައްވައިފަ އެވެ. އަދި އޭގެ އެއް އަހަރު ފަހުން، 2028 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހުންނާނީ 6.8 އިންސައްތައިގައި ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައި އެވެ.
ސަރުކާރުން އަންނަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް، ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ރާއްޖެ އިން އަންނަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އިތުބާރު ވެސް ހިފަހައްޓަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް