Article Top
ކުޅިވަރު •

ވިކްޓަރީއަށް މިވަގުތު ގަދަ ބާރެކޭ ބުނެވޭނީ ތަށި ހޯދައިގެން: މޯހަން

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ވިކްޓަރީއަށް މިވަގުތު ގަދަ ބާރެކޭ ބުނެވޭނީ ތަށި ހޯދައިގެން: މޯހަން

މޯހަން ޕްރީ މެޗް ޕްރެސްގައި -- ފޮޓޯ/އެފްއޭއެމް

ދިވެހި ފުޓުބޯޅައިގެ ބޮޑު ތާރީހެއް އޮތް ނަމަވެސް، ވިކްޓަރީ ސްޕޯޓްސް ކްލަބަކީ މިވަގުތު ހަމައެކަނި "ކުރީގެ ގަދަބާރެއް" ކަމަށާއި، އަލުން ހައްގުވާ މަގާމަށް އާދެވޭނީ ތަށިތައް ހޯދައިގެން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މި ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިގެން ނުކުތް ވިކްޓަރީން މިހާތަނަށް ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައި ވެއެވެ. ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ޓީސީ ސްޕޯޓްސް ކްލަބާއި ދިއްދޫ އަތުން މޮޅުވެ، އެއަށް ފަހު ވަނީ މިދިޔަ ފަސް ސީޒަނުގެ ޗެމްޕިއަން މާޒިޔާއާ ވާދަކޮށް 2-2 އިން އެއްވަރު ކޮށްފަ އެވެ.

Advertisement
Article Inside

މިހާތަނަށް ހޯދުނު ނަތީޖާތަކަކީ ޓީމުގެ ފެންވަރު ސާބިތުކޮށްދިން ކަމެއް ގޮތުގައި ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ކޯޗު ފާހަގަކުރި އެވެ. މާޒިޔާ މެޗުން ޓީމުގެ ލެވެލް އެނގިގެންދިޔަ ނަމަވެސް، ބޮޑު ޓީމެއްގެ ގޮތުގައި ފާހަގަކުރެވެން އަންނާނީ މިހާރު ކާމިޔާބު ހޯދަމުން އަންނަ ޓީމުތަކާ އެއްވަރަށް ތަށި ހޯދައިގެންކަމަށް މޯހަން ބުންޏެވެ.

ވިކްޓަރީ ބޮޑު ޓީމެކޭ ކިޔަންޖެހޭނީ މިހާރު ކާމިޔާބު ހޯދަމުން އެ އަންނަ ޓީމުތަކާ އެއްވަރަށް ކާމިޔާބެއް ހޯދާފައި. އޭގެ ކުރިން އެހެން ކިޔުމަކުން ޓީމަށް ކުރާނެ ފައިދާއެއް ނެތް، ވިކްޓަރީ އަކީ ބޮޑު ނަމެއް އެކަމަކު މި ވަގުތަށް ތަށްޓެއް ހޯދައިގެން ބޮޑު ޓީމެއްގެ ގޮތުގައި ކުރިއަށްދާން ޖެހޭނީ، ﷲ އިރާދަކުރެއްވިއްޔާ އެ މަަސައްކަތް ކުރެވޭތޯ މި އުޅެނީ.

ވިކްޓަރީން އެންމެ ފަހުން ތަށްޓެއް ހޯދާފައިވަނީ 2011 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕެވެ. އެ ޓީމު އަލުން ފުރަތަމަ ޑިވިޝަނަށް އައިސް ކުޅެމުންދާއިރު، ކޮންމެ ތިން ދުވަހަކުން އެއް ދުވަހު މެޗު ކުޅެންޖެހުމުން ތައްޔާރުވާން ދަތިތަކެއް ހުރިކަން ކޯޗު ފާހަގަކުރި އެވެ. އަދި ސްކޮޑުގައި އެއް ފެންވަރެއްގައި ކުޅޭ ގިނަ ކުޅުންތެރިން ނެތް ނަމަވެސް، ކުރިއަށް އޮތް މެޗުތަކުގައި ޓީމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ކާމިޔާބާ ހަމައަށްދާން މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީން މިއަދު ހަވީރު 16:00 ގައި ނުކުންނާނީ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗަށް ނުކުންނައިރު ވިކްޓަރީ އޮތީ 3 މެޗުން ލިބުނު 7 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް