ޕާކިންގެ މައްސަލަ ޙައްލު ކުރުމަށް، އަންނަ އަހަރުގެ ނޮވެމްބަރަށް ދެ ބިލްޑިން ނިންމަނީ
ލިޔުންތެރިޔާ
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
މާލޭގައި ބިނާކުރަމުން އަންނަ ދެ ޕާކިން ބިލްޑިންގެ މަސައްކަތް، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ހީނާމާގެ ޕާކިން އަށް މިހާރު އޮތް ސަރަހައްދުގައި ޕާކިން ބިލްޑިނެއް ބިނާކުރުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ. އެ މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ކޮންޓްރެކްޓަރާ އެކު އެންމެ ފަހުގެ ތަފްސީލުތަކަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ސޯސަން މަގުގައި ޤައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލް އިންވެގެން އޮންނަ ޕާކިންގައި، ޕާކިން ބިލްޑިނެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް މިނިސްޓަރު ސައީދު ފާހަގަ ކުރެއްވި އެވެ. އެގޮތުން އެކަމާ ގުޅޭ އެންމެ ފަހުގެ މަރުހަލާ ހޯމަ ދުވަހު ނިންމާލެވިފައިވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މި ދެ ޕާކިން ބިލްޑިން އަކީ މާލެ އަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ އަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެއިރު، މިނިސްޓަރު ސައީދު ވިދާޅުވީ ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި ދެ ޕާކިން ބިލްޑިންގެ މަސައްކަތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މާލެ އާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. ހުޅުމާލޭގައި ވެސް ހަތަރު ޕާކިން ބިލްޑިނެއް އެޅުމަށް ވަނީ ހަވާލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް