ޓްރަމްޕް ހޮވަން މަސްކު 290 މިލިއަން ޚަރަދުކުރި، ބަދަލުގައި އޭނާ ވީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް: ބާނީ ސެންޑާސް
ލިޔުންތެރިޔާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާާއި، ސެނެޓަރު ބާނީ ސެންޑާސް އަދި މަހުޖަނު އީލޮން މަސްކު.
އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކުރުމަށް މަހުޖަނު އީލޮން މަސްކު 290 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރި ކަމަށާއި، އޭގެ ބަދަލުގައި މަސްކު ވީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ކަމަށް އެމެރިކާގެ ސެނެޓަރު ބާނީ ސެންޑާސް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސެންޑާސް ވިދާޅުވީ، 2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕް އަށް ކާމިޔާބު ކޮށްދިނުމަށް މަސްކު 290 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރި ކަމަށެވެ. އެ އިންތިޚާބު ކާމިޔާބު ކުރައްވައި ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން، މަސްކު އަށް 696 ބިލިއަން އެމެރިކާ ޑޮލަރު ލިބުމުގެ ނަތީޖާ އަކީ، މުއްސަނދިކަން އިތުރުވެ މަސްކު ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށްވުން ކަމަށް ސެންޑާސް ވިދާޅުވި އެވެ.
އެހާ ހިސާބުން ވެސް އެކަން ނިމުނީ ނޫން ކަމަށް ފާހަގަ ކުރައްވައި ސެންޑާސް ވިދާޅުވީ، މިހާރު މަސްކު ޚަރަދު ކުރައްވަނީ ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް ކޮންގްރެސްގެ ކޮންޓްރޯލް ހޯއްދެވުމަށް ކަމަށެވެ. އެގޮތުން ނޮވެމްބަރު މަހުގެ މިޑް ޓާމް އިންތިޚާބު ޓްރަމްޕް އާއި ރިޕަބްލިކަން ޕާޓީ އަށް ކާމިޔާބުކޮށްދިނުމަށް މަސްކު 366 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރައްވާ ކަމަށް ސެންޑާސް ވިދާޅުވި އެވެ.
އެ ޕޯސްޓު ނިންމަވާލައްވަމުން ސެންޑާސް ވަނީ، މަސްކު ހުއްޓުވުމަށް ގޮވާލައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް