Article Top
ކުޅިވަރު •

އަޝްފާގު ވަރަށް އަވަހަށް 90 މިނިޓް ކުޅެން ފިޓް ވާނެ: އަންދްރޭ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އަޝްފާގު ވަރަށް އަވަހަށް 90 މިނިޓް ކުޅެން ފިޓް ވާނެ: އަންދްރޭ

ދިއްދޫ މެޗުގައި އަޝްފާގް -- ފޮޓޯ/ ނިއު ރޭޑިއަންޓް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ އަޝްފާގު (ދަގަނޑޭ) އޭނާގެ އެންމެ މޮޅު ކުޅުމަށް އެނބުރި އައުމަށް ކުރަމުންދާ މަސައްކަތަށް އެ ކްލަބުގެ ހެޑް ކޯޗު ތައުރީފުކޮށް، ކުރިއަށް ހުރި މެޗުތަކުގައި އޭނާ ފުރިހަމަ 90 މިނެޓު ކުޅުމުގެ ފުރުސަތު ބޮޑުކަމަށް ނިއުގެ ކޯޗު ފްރޭން ކައިންޒޯސް (އަންދްރޭ) ބުނެފި އެވެ.

އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ކޯޗު ވަނީ، ދިއްދޫ ސްޓޭޑިއަމްގައި ދިއްދޫ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު ރަށުން ބޭރު މެޗުގައި އަޝްފާގު ފުރަތަމަ އެގާރައިގައި ހިމަނައި، ކެޕްޓަން ބޭންޑް ދީގެން 60 މިނެޓު ކުޅުވީ ހަމައެކަނި ސަޕޯޓަރުންނަށް ދައްކާލުމުގެ ބޭނުމުގައި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދީފަ އެވެ. އޭގެ ބަދަލުގައި އޭނާ ވަނީ ދެކުނު އޭޝިއާގެ ފުޓްބޯޅަ ލެޖެންޑުގެ މޮޅު މެންޓަލިޓީއަށާއި ކުރާ ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ސާބަސްދީފަ އެވެ.

Advertisement
Article Inside

އަހަންނަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް އަލީގެ އެޓިޓިއުޑާއި މެންޓަލިޓީއަކީ، އަޝްފާގަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް، ވަރަށް މޮޅު ކުޅުންތެރިއެއް، އޭނާއަކީ ލެޖެންޑެއް. މީގެ ތިން ހަތަރު އަހަރު ނުވަތަ ފަސް އަހަރު ކުރިން އޭނާ ދެއްކި ފެންވަރުގެ ކުޅުމެއް އަލުން ދެއްކުމަށްޓަކައި، ވޭތުވެދިޔަ މަސްތަކުގައި އޭނާ ކުރި ބުރަ މަސައްކަތާ މެދު އަހަރެން ވަރަށް އުފާވޭ.

ވޭތުވެދިޔަ ސީޒަނުގައި އަޝްފާގު ކުޅޭ މިނެޓުތައް ވަރަށް ބަލައިގެން މެނޭޖުކުރަމުން އައި ނަމަވެސް، ދިއްދޫ ސްޓޭޑިއަމްގައި އޭނާ ކުޅުނު 60 މިނެޓަކީ އޭނާގެ ފިޓްނަސް ރަނގަޅުވަމުން އަންނަކަމުގެ އިޝާރާތެއް ކަމަށް ކޯޗު ފާހަގަ ކުރި އެވެ. ކޯޗު ހާމަކުރި ގޮތުގައި އަޝްފާގުގެ ފިޓްނަސް ކުރިއަރަމުން އައުމަކީ ކްލަބަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

މިހާރު އޭނާއަށް 60 ނުވަތަ 70 މިނެޓު ކުޅެވިދާނެ، އެކަމަކު ކުރިއަށް ހުރި މެޗުތަކުގައި 90 މިނެޓު ފުރިހަމައަށް ކުޅުމަކީ ވަރަށް އެކަށީގެންވާ ކަމެއް.

ނިއު އާއި އޮޑި ސްޕޯޓްސް މާދަމާ ރޭ ބައްދަލުކުރާއިރު، ނިއު އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައި ވާއިރު އޮޑި އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް