Article Top
ކުޅިވަރު •

އެމަޖެންސީ ހާލަތެއް އަދި ނާދޭ، މިދަނީ ރަނގަޅު މިސްރާބުން: މާޒިޔާ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެމަޖެންސީ ހާލަތެއް އަދި ނާދޭ، މިދަނީ ރަނގަޅު މިސްރާބުން: މާޒިޔާ

ކޯޗު ޓްރޠޫޗާ. -- ފޮޓޯ/އެފްއޭއެމް

މާޒިޔާ އަށް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުހޯދި އޮތް އޮތުމާ އެކު ޕްރެޝަރު ބޮޑުވެފައިވީ ނަމަވެސް، މިއީ "އެމަޖެންސީ" ހާލަތެއް ނޫން ކަމަށާއި ކުޅުންތެރިން މައިދާނަށް ނުކުންނަންވާނީ ހިތްހަމަޖެހުމާއި އުފާވެރިކަމާއެކު ކަމަށް މާޒިޔާގެ ހެޑް ކޯޗު ތޯމަސް ޓްރޫޗާ ބުނެފި އެވެ.

ދިވެހި ޕްރެމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަހުން ކުޅުނު ދެ މެޗުން މޮޅެއް ނުލިބުމުން ކުރިމަތިވެފައިވާ ޕްރެޝަރާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ކޯޗު ޓްރޫޗާ ބުނީ ފުޓްބޯޅައިގައި އަބަދުވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ. އަދި އޭނާ ކެންޔާ، އިންޑޮނޭޝިއާ ނުވަތަ ބޮޓްސްވާނާގައި ހުރި ނަމަވެސް ކޮންމެ މެޗަކުން މޮޅުވާން ޖެހޭނެ ކަމުގެ ޕްރެޝަރު އޮންނަ ކަމަށް އޭނާ ފާހަގަކުރި އެވެ.

Advertisement
Article Inside

"މިއީ އަދިވެސް ފުޓްބޯޅަ. މިއީ ދިރިއުޅުމުގެ ހަނގުރާމައެއް ނޫން، މިއީ އެމަޖެންސީއެއް ވެސް ނޫން. އަހަރެން ބޭނުންވަނީ ކުޅުންތެރިން ފަރިތަކުރުންތަކުގަޔާއި މެޗުތަކުގައި ވެސް އުފަލާއެކު ކުޅެން. އަދި އެއަށްވުރެ ބޮޑަށް މެޗުން ލިބޭ ނަތީޖާއާއެކު އުފާވާނެ،" ޓްރޫޗާ ބުންޏެވެ.

""މެޗުން މޮޅުވުމަށްޓަކައި އަހަރެން ކުޅުންތެރިންނަށް އެހީތެރިވެދީ، އަހަރެންގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ. އެހެންކަމުން އަހަރެން ގަބޫލުކުރަނީ އަހަރެމެން މިތިބީ ރަނގަޅު މިސްރާބެއްގައި ކަމަށް. އަހަރެން މި ޓީމާ ހަވާލުވި ފަހުން ޓީމު އަންނަނީ ކުރިއަރަމުން. އަހަރެމެން ކުޅެން ބޭނުންވާ ގޮތާއި، އެޓޭކްކުރާނެ ގޮތް އަދި ޑިފެންސްކުރާނެ ގޮތް މިހާރު ކުޅުންތެރިންނަށް މާ ބޮޑަށް ވިސްނޭކަން އަހަރެން ފާހަގަކުރަން. އަދި މި [ޓީސީ] މެޗުން އަހަރެމެންނަށް ތިން ޕޮއިންޓް ލިބޭނެ ކަމަށް އަހަރެން ފުރިހަމައަށް ގަބޫލުކުރަން."

މާޒިޔާއަކީ އަބަދުވެސް ބޮޑެތި ކާމިޔާބީތަކަށް އަމާޒު ހިފާ، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ބާރުގަދަ ސްކޮޑެއް އޮތް ކްލަބެއްކަން ގަބޫލުކުރާ ކަމަށް ކޯޗު ބުންޏެވެ. ނަމަވެސް، ލީގުގެ އެހެން ޓީމުތައް ވެސް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށާއި، އެއްވެސް ޓީމެއް ދެރަކޮށްލައިގެން ނުވާނެ ކަމުގެ އިންޒާރު އޭނާ ވަނީ ކުޅުންތެރިންނަށް ދީފައެވެ.

ކުޅުންތެރިންގެ އަނިޔާގެ އަޕްޑޭޓްތަކަށް ބަލާއިރު، އަނިޔާގައި ހުރި މުހިންމު ކުޅުންތެރިޔާ މުހައްމަދު އިލާން އިމްރާން މިހާރު މެޑިކަލް ޓީމާއެކު ލުއިކޮށް ދުވަން ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޭނާ ބޯޅައާއެކު ފަރިތަކުރަން ފަށާނެ ކަމަށް އުންމީދުކުރާ ކަމަށް ކޯޗު ހާމަކުރިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް