ޓްރެފިކް ކޮންޓްރޯލުކުރުމަށް ހާއްސަ ފިޔަވަޅެއް، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ޖޫރިމަނާކުރަނީ
ލިޔުންތެރިޔާ
ޓްރެފިކް ފުލުހުން ---
އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފަށަން ނިންމައިފިއެވެ.
އިކޮނަމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން 7 ދުވަހުގެ ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ޤަވާޢިދާ ޚިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެ މަޢުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ޙިއްޞާކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސީދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެސް
އެހެންކަމުން މިނިސްޓްރީން ވަނީ އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެ އަދި ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުޙަލާގައި ހާއްސަ އިސްކަމެއް ދީގެން ބަލާނީ ހޮސްޕިޓަލުތަކާއި، ސްކޫލުތައް ހުންނަ ސަރަޙައްދުތަކާއި، ކަފިހި ހުރަސްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ހާއްސަކޮށްފައިވާ ސްލޮޓުތައްކަމަށެވެ.
މާލޭގެ މައި މަގުތަކުގެ ތެރެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް)ގައި ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އަޅާނެއެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު އަދި ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގު ވެސް ހާއްސަ އިސްކަމެއް ދީގެން ބަލާނެކަމަށް މިނިސްޓްރީން ބުންޏެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް