100 އަށް ވުރެ ބާރު މިނުގައި ދުއްވައި ވީޑިއޯ ހެދި ސައިކަލު ފުލުހުން ޓޯ ކޮށްފި
ލިޔުންތެރިޔާ
ބާރު ސްޕީޑުގައި ދުއްވި ސައިކަލު ފުލުހުން ޓޯ ކުރަނީ.
ނުރައްކާތެރިކޮށް 100 އަށް ވުރެ މަތީގައި ސްޕީޑު ބަހައްޓައިގެން ދުއްވި ސައިކަލު ފުލުހުން ޓޯ ކޮށްފި އެވެ.
ޓިކްޓޮކްގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ވަނީ، 100 އަށް ވުރެ ބާރު މިނުގައި ސައިކަލު ދުއްވާ މަންޒަރު އާންމުކޮށްފައި އެވެ. އެ ވީޑިއޯ އާންމުކޮށްފައި ވަނީ ސައިކަލު ދުއްވި ފަރާތުންނެވެ.
އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު، މިހާރު ވަނީ އެ ސައިކަލު ޓޯ ކޮށްފައި އެވެ. ޓިކްޓޮކްގައި އާންމު ކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ސައިކަލުގައި އިން ޒުވާނާ ވަނީ ގަޑިއިރަކު 125 ކިލޯ މީޓަރަށް ވުރެ ބާރު މިނުގައި ސައިކަލު ދުއްވައިފަ އެވެ.
ފުލުހުން މި ސައިކަލު ޓޯ ކޮށްފައިވާއިރު، މި ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގެ އިތުރުން ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މައްސަލަ ވަނީ ފެންމަތިވެފައި އެވެ. މީގެ އިތުރުން ބާރު ސްޕީޑުގައި ސައިކަލު ދުއްވުމާއި، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަކަށް ސައިކަލު ދުއްވާ މައްސަލަތައް ވަނީ ގިނަވެފައި އެވެ.
ދާދި ފަހުން ފުލުހުން ވަނީ ސިނަމާލެ ބްރިޖުގައި އޮށޯވެގެން އޮވެ ބާރު މިނުގައި ދުއްވި ސައިކަލެއް ވެސް ޓޯ ކޮށްފައި އެވެ. ފުލުހުންގެ ފަރާތުން ބުނެފައި ވަނީ، ނުރައްކާތެރިކޮށް އަދި ކަނޑަ އަޅާފައިވާ މިންގަނޑަށް ވުރެ ބާރު މިނުގައި ދުއްވާ ސައިކަލުތައް ހޯދައި، އެ ސައިކަލު ދުއްވާ ފަރާތްތަކާ މެދު ވެސް ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް