މުއައްސަސާތަކާ ބެހޭ ޞައްޙަ މައުލޫމާތު ލިބޭނެ ގޮތަށް، ޑިރެކްޓަރީ ވެބްސައިޓެއް
ލިޔުންތެރިޔާ
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ވެލާނާގެ އިމާރާތް.
ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީއެއް އެކުލަވާލައި، އެ ޑިރެކުޓަރީ އަށް ޚާއްސާ ވެބްސައިޓެއް ރައީސް އޮފީހުން ތައާރަފުކޮށްފި އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި ޑިރެކްޓަރީއަކީ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެ މަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިފުތިތާހުކުރެވުނު ޑިރެކުޓަރީއެއް ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީގެ ވެބްސައިޓުގެ އެޑުރެހަކީ directory.presidency.gov.mv އެވެ.
މީގެ އިތުރުން ރައީސް އޮފީހުން ބުނެފައި ވަނީ، އެ ޑިރެކްޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، ޑިރެކްޓަރީގައި ހިމެނޭ މައުލޫމާތު ތަކުގެ ތެރެއިން، އެ މުއައްސަސާގެ އިސް ވެރިޔާގެ ގޮތުގައި އެ މުއައްސަސާއަކުން ކަނޑައަޅާ ފަރާތުގެ ނަމާއި މުއައްސަސާގެ އެޑްރެސް އަދި މުއައްސަސާއަކާއި މުވާސަލާތު ކުރެވޭނެ ގޮތް ނުވަތަ މުއައްސަސާގެ މީސްވިއުގަ ލިންކުތަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ މުއައްސަސާއަކުން ޑިރެކްޓަރީގެ ވެބްސައިޓުގައި، މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމު ނުވަތަ އީމެއިލް މެދުވެރިކޮށް ރައީސް އޮފީހަށް އެކަމެއް ހުށަހަޅަން ވާނެ ކަމަށެވެ.
މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާތަކާއި، މައުލޫމާތު އެއްކޮށް، ބެލެހެއްޓުމަށް ބޭނުން ކުރަމުންދާ ސިސްޓަމްތަކާއި، ޑޭޓާ ބޭސްތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް، ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔާނީ، އެ ޑިރެކްޓަރީގައިވާ ގޮތަށް ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް