އަމާޒަކީ ބޭނުންވާ މިންވަރަށް ރާއްޖޭގައި ބާވަތްތައް ހައްދައި، ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ސިނާއަތުން އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓުކުރުމާ ނުލައި، ރާއްޖެ އަށް ބޭނުންވާ މިންވަރަށް ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރަމުން އަންނަ ޤައުމީ ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާން ކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުން ކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރު ފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރު ކުރުމުގެ މުހިންމުކަން މިއަދު އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށް ރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނޭ ކަމެއް ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ޢަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓުކުރުމާ ނުލައި، ރާއްޖެ އަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށެވެ.
ހަމައެހެންމެ، މި ރޮނގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭ ގޮތަށް ކުރިއަށް ދެވޭނެ މަގު ކޮށާދިނުމުގެ މުހިންމު މަސައްކަތް މެދު ނުކެނޑި ކުރިއަށް ގެންދިޔުމަކީ އެމަނިކުފާނުގެ ޢަޒުމެއް ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އެ ޕޯސްޓު ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވަނީ ދަނޑުވެރިންގެ ދުވަހު އުފާވެރި މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި އާއިލާތައް އަދި އެ ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާ އާއި ހެޔޮ އެދުން ދަންނަވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް