ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ދެނީ
ލިޔުންތެރިޔާ
މި އަހަރު އޮތް އެފްއޭއެމްގެ ކޮންގްރެސް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/އެފްއޭއެމް
މިއަހަރުގެ ދިވެހި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ނޯތު ރީޖަންގެ ޗެމްޕިއަން، ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް އާއި ސައުތު ރީޖަންގެ ޗެމްޕިއަން، ގދ. ގައްދޫގެ ގައްދޫ ރެކްރިއޭޝަން ކްލަބަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެންބަރުކަން ދިނުމަށް ނިންމައިފި އެވެ.
މިރޭ 08:45 ގައި ބާއްވާ އެފްއޭއެމްގެ ހާއްސަ ކޮންގްރެސްގެ ތެރެއިން މި ދެ ކްލަބަށް މެންބަރުކަން ރަސްމީކޮށް ދީ، އެކަން އިއުލާނުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެފްއޭއެމުން ލީގުގެ ފޯމެޓަށް ގެނައި ބަދަލާ ގުޅިގެން، އަތޮޅުތެރެއިން ފުރަތަމަ ޑިވިޝަނަށް ވާދަކުރަން ފެށި ޓީމުތަކަށް އެ އެސޯސިއޭޝަންގެ މެންބަރުކަން ލިބޭ ފުރަތަމަ ފަހަރެވެ.
މިހާރުވެސް އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ކުލަބުތަކުގެ އިތުރުން ދެވަނަ ޑިވިޝަނުގެ ކްލަބްތަކެވެ. މިއަހަރުގެ ލީގަށް މުޅިން އަލަށް ޕްރޮމޯޓުވި ތިން ޓީމުގެ ތެރެއިން ބިސްބުރު ސްޕޯޓްސް ކްލަބަކީ ކުރިންވެސް ދެވަނަ ޑިވިޝަނުގެ ކްލަބެއްގެ ހައިސިއްޔަތުން މެންބަރުކަން އޮތް ޓީމެކެވެ.
މި މެންބަރުކަމާއެކު، އެފްއޭއެމްގެ ހިންގުމުގެ ކަންކަމުގައި ބަސްބުނެ، ވޯޓު ލުމުގެ ފުރިހަމަ ހައްގު ދިއްދޫ އާއި ގައްދޫ ކްލަބަށް ލިބިގެންދާނެ އެވެ. މިރޭ އޮންނަ މި ކޮންގްރެސްގައި ދެ ކުލަބަކަށް މެންބަރުކަން ދިނުމުގެ އިތުރުން، އެފްއޭއެމްގެ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ އެވެ.
ލީގު ސިސްޓަމްގައި މުޅި ދިވެހިރާއްޖެ ޝާމިލްވާނޭހެން ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދަން އެފްއޭއެމް އިން އަންނަނީ ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމާއި، އިދާރީ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް