އައިރީނާގެ މަންދޫބު ކަމުގެ ފަތްކޮޅު ޠާރިޤު އަރުވައިފި
ލިޔުންތެރިޔާ
އައިރީނާގެ މަމްދޫބު ކަމުގެ ފަތްކޮޅު، ޠާރިޤު އެ އިދާރާގެ ޑިރެކްޓަރ ޖެނަރަލްއާ ހަވާލު ކުރައްވަނީ،
ދިވެހިރާއްޖޭގެ ފަރާތުން އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޠާރިޤު އިބްރާހީމް، މަންދޫބު ކަމުގެ ފަތްކޮޅު އައިރީނާގެ ޑިރެކްޓަރ ޖެނެރަލް އަށް އަރުއްވައިފި އެވެ.
ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސަފީރުގެ މަޤާމުގައި ހުންނެވި ޠާރިޤު، އައިރީނާގެ މަންދޫބު ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްފައި ވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއާއެކު ބުދަ ދުވަހު ޠާރިޤު ވަނީ، އެ މަޤާމުގެ ފަތްކޮޅު އައިރީނާގެ ޑިރެކްޓަރ ޖެނަރަލް ފްރެންސެސްކޯ ލަ ކަމެރާ އަށް އަރުއްވައިފަ އެވެ.
ދިވެހިރާއްޖެ އިން އައިރީނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބުގެ މަޤާމުގައި މީގެ ކުރިން ހުންނެވީ، ޔޫއޭއީގެ ކުރީގެ ސަފީރަކަށް ހުންނެވި މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) އެވެ. ފަހުން މުންދު ވަނީ، ސަރުކާރުގެ އިސް ތަރުޖަމާނުގެ މަޤާމަށް އައްޔަން ކުރައްވައިފަ އެވެ. ޔޫއޭއީގެ ސަފީރުގެ މަޤާމަށް ޠާރިޤު އައްޔަން ކުރެއްވީ، އެ މަޤާމުން މުންދު ވަކިވެ ވަޑައިގެންނެވުމާއެކު އެވެ.
އައިރީނާގެ މައި މަރުކަޒު ހުންނަނީ ޔޫއޭއީގެ ވެރި ރަށް އަބޫ ދާބީގައި އެވެ. ދިވެހިރާއްޖޭގެ ފަރާތުން އައިރީނާ އަށް އަބަދު ވެސް ކަނޑަ އަޅުއްވަނީ، އެއިރެއްގައި ޔޫއޭއީގެ ސަފީރުގެ މަޤާމުގައި ހުންނަވާ ބޭފުޅެކެވެ.
އެންމެ ފުރަތަމަ ޠާރިޤު ހުންނެވީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރުގެ މަޤާމުގައި އެވެ. އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަަކަށް ހުންނެވީ ވެސް ޠާރިޤު އެވެ. ނަމަވެސް، ކެބިނެޓަށް ގެންނެވި ބަދަލުގެ ތެރޭގައި ޠާރިޤު ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް