Article Top
ކުޅިވަރު •

ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ހުޖާން އާއި ވިދާދަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ހުޖާން އާއި ވިދާދަށް

ހުޖާން އާއި ވިދާދު -- ފޮޓޯ/ކެރަމް އެސޯސިއޭޝަން

ކެރަމް އެސޯސިއޭޝަނުން ބޭއްވި 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް އިވެންޓުތަކުގެ ޗެމްޕިއަންކަން، އައިމިނަތު ވިދާދު އާއި އިބްރާހީމް ހުޖާން އަލީ ހޯދައިފި އެވެ.

ހުޅުމާލޭ ކެރަމް އެރީނާގައި ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި އައިޝަތު ނަހުފާއާ ވާދަކޮށް ވިދާދު ޗެމްޕިއަންކަން ހޯދީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު 1-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 12-24 އިން ވިދާދު ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓު 16-21 އިން ކާމިޔާބުކޮށް ނަހުފާ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް، ފަހު ސެޓުގައި މޮޅު ކުޅުމެއް ދައްކައި، 06-25 އިން އެ ސެޓު ކާމިޔާބުކޮށް ވިދާދު ވަނީ ޗެމްޕިއަންކަން ޔަގީންކޮށްފަ އެވެ.

Advertisement
Article Inside

މީގެއިތުރުން، ފިރިހެނުންގެ ސިންގަލްސް ފައިނަލުގައި މުހައްމަދު މުންތަސިރާ ވާދަކޮށް ހުޖާން ޗެމްޕިއަންކަން ހޯދީ ވެސް 1-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 14-25 އިން މުންތަސިރު ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި ދެ ސެޓު 15-25 އަދި 22-23 އިން ކާމިޔާބުކޮށް ހުޖާން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ.

ފުރަތަމަ ޑިވިޝަންގެ ޑަބަލްސް އިވެންޓްތަކަށް ބަލައިލާއިރު، ފިރިހެނުންގެ ޑަބަލްސް ފައިނަލުގައި ހާތިމް ހަލީލް އާއި އިސްމާއީލް އަޒްމީންގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށް، އިބްރާހިމް ހުޖާން އަލީ އާއި މުހައްމަދު މުންތަސިރުގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަންހެން ޑަބަލްސް ފައިނަލުގައި އާމިނަތު ވިދާދު އާއި އައިޝަތު ނަހުފާގެ ޕެއާއާ ވާދަކޮށް އާމިނަތު ވިސާމާ އާއި އައިޝަތު ފައިނާޒްގެ ޕެއާ ޗެމްޕިއަންކަން ހޯދީ 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މީގެ އިތުރުން މިކްސް ޑަބަލްސް ފައިނަލުގައި ހަސަން ނާޒިމް އާއި އާމިނަތު ވިދާދުގެ ޕެއާއާ ވާދަކޮށް، 1-2 ސެޓުގެ ނަތީޖާއަކުން މޮޅުވެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ހުޖާން އަލީ އާއި އައިޝަތު ނަހުފާގެ ޕެއާ އެވެ.

Uploaded image

ދެވަނަ ޑިވިޝަންގެ ސިންގަލްސް ފިރިހެން ޗެމްޕިއަން އަޒްލާން (ވ) އަދި އަންހެން ޗެމްޕިއަން އަންއުމް (ކ) -- ފޮޓޯ/ގާފު

ދެވަނަ ޑިވިޝަނުން ކުޅުން ފަށައިގެން ކުރިއަށްދާ މި މިބާރާތުގައި ދެވަނަ ޑިވިޝަން ފިރިހެން ސިންގަލްސް ފައިނަލުގައި އަހުމަދު މައިޝާން އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެން ޗެމްޕިއަންކަން ހޯދީ އަޒްލާން އައުޒަލް އެވެ. ތިންވަނަ ހޮވަން ކުޅުނު މެޗުގައި މުހައްމަދު މިޝާލް އަލީއާ ވާދަކޮށް 2-0 ސެޓުން މެޗު ކާމިޔާބުކުރީ މުހައްމަދު ޒީހާން އެވެ.

ދެވަނަ ޑިވިޝަން އަންހެން ސިންގަލްސް ފައިނަލްގައި އާއިޝަތު ޒުލްފިޝާން އާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެގެން ޗެމްޕިއަންކަން ހޯދީ އަންއުމް އަހުމަދު ވަސީމް އެވެ. ތިންވަނަ ހޮވަން ކުޅުނު މެޗުގައި އާމިނަތު ކައިސާ ބިންތި އަބްދުﷲ އާ ވާދަކޮށް 2-1 އިން މޮޅުވެގެން، ތިންވަނަ ހޯދީ އާމިނަތު ޖުނާނާ ސައުދުﷲ އެވެ.

ދެވަނަ ޑިވިޝަންގެ ޑަބަލްސް އިވެންތްތަކަށް ބަލައިލާއިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީ އަކްރަމް އާއި އަޒްލާން އައުޒަލްގެ ޕެއާ އެވެ. މި ޕެއާ ވަނީ ފައިނަލްގައި އަހުމަދު މައިޝާން އާއި ރިބާހް ހުސައިންގެ ޕެއާ 2-0 އިން ބަލިކޮށްފަ އެވެ. އަދި އަންހެން ޑަބަލްސް ފައިނަލްގައި ފާތިމަތު ސާނީ އާއި އާމިނަތު އިބާނަތުގެ ޕެއާއާ ވާދަކޮށް 2-0 އިން މޮޅުވެގެން ޗެމްޕިއަންކަން ހޯދާފައި ވަނީ ހާޖަރު ބިންތި މުހައްމަދު ތައުފީގު އަލީ އާއި އައިޝަތު މަންޝާ ޝަމީމްގެ ޕެއާ އެވެ. އަދި މިކްސްޑް ޑަބަލްސް ފައިނަލްގައި 2-1 ސެޓުން އަހުމަދު މައިޝާން އާއި ހާޖަރު ބިންތު މުހައްމަދު ތައުފީގު އަލީގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒީހާން އާއި އައިޝަތު މަންޝާ ޝަމީމްގެ ޕެއާ އެވެ.

ގައުމީ މުބާރާތުގައި ކުރިއަށް އޮތީ ޓީމެ އިވެންޓެވެ. ޓީމް އިވެންޓްގައި ނުވަ ޓީމެއް ބައިވެރިވެފައި ވެއެވެ. އެއީ، އެސްއެން ކެރަމް އެކަޑަމީ، ނިއު ރޭޑިއަންޓް، ކްލަބް ވަލްޗާސް، ލެގޫންސް ސްޕޯޓްސް ކްލަބް، އޮޑި ސްޕޯޓްސް ކްލަބް، މޯލްޑިވްސް ކެރަމް އެކަޑަމީ، ރެމްޕޭޖް، އައުޓްރޭޖްސް ސްޕޯޓްސް ކްލަބް އަދި ޕޮލިސް ކްލަބެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް