ޓީސީ ބަލިކޮށް މާޒިޔާ ހަމަޖެހިލައިފި
ލިޔުންތެރިޔާ
ފޭދޫ އިއްބެ ގޯލު ޖެހުމަށް ފަހު -- ފޮޓޯ/އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، އެންެމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގައި އަލުން ހަމަޖެހުމެއް ހޯދައިފި އެވެ.
މި ސީޒަނުގެ ލީގު ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް މާޒިޔާ ފެށި ނަމަވެސް، އެންމެ ފަހުން ކުޅުނު ދެ މެޗުން އެ ޓީމަށް ވަނީ މޮޅެއް ނުލިބިފައެވެ. އެގޮތުން ނިއުރޭޑިއަންޓް އަތުން 3-2 އިން ބަލިވުމުގެ އިތުރުން، ވިކްޓަރީއާ ވާދަކޮށް 2-2 އިން ވަނީ އެއްވަރުވެފަ އެވެ.
ނަމަވެސް، މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމު ވަނީ އަނބުރާ ފޯމަށް އައިސްފަ އެވެ. މެޗުގެ 34 ވަނަ މިނިޓުގައި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ނަގައިދިން ބޯޅައަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖަހައިދިން ހިތްގައިމު ގޯލަކުން މާޒިޔާއިން ލީޑުނެގިއެވެ. އަދި ދެވަނަ ހާފުގައި ކުޅުން ވަރުގަދަކޮށް، 69 ވަނަ މިނިޓުގައި އިބްރާހިމް އައިސަމް ނެގި ކޯނަރަކުން ސާބިއާ ޑިފެންޑަރު ނަމަންޏާ ޑްރާވްކޮވިޗް ބޮލުން ޖެހި ގޯލުން ލީޑު ފުޅާކުރިއެވެ. މެޗުގެ 79 ވަނަ މިނިޓުގައި ނިކޯލާ ވުޖިޗިޗް ނެގި ހުރަހަކުން ނައިޖީރިއާ ފޯވާޑް ބެންޖަމިން ތޯމަސް ކުކޫ ޖެހި އިތުރު ލަނޑަކާއެކު މާޒިޔާ އިތުރަށް ލީޑު ފުޅާކުރި އެވެ..
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު މާޒިޔާ ވަނީ ކުޅުނު ހަތަރު މެޗުން 7 ޕޮއިންޓް ހޯދައި، ލީގު ތާވަލްގައި ކުރިއަށް ޖެހިލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް