Article Top
ކުޅިވަރު •

ދިއްދޫ ސްޕޯޓްސް އާއި ގައްދޫ ރެކްރިއޭޝަނަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދީފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ދިއްދޫ ސްޕޯޓްސް އާއި ގައްދޫ ރެކްރިއޭޝަނަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދީފި

ރޭގެ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ/އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެންބަރުކަން ފުޅާކޮށް، އަތޮޅުތަކުގެ ޓީމުތަކަށް އެސޯސިއޭޝަންގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް އާއި ގދ. ގައްދޫގެ ގައްދޫ ރެކްރިއޭޝަން ކްލަބަށް އެފްއޭއެމްގެ ދާއިމީ މެންބަރުކަން ދީފި އެވެ.

ރޭ ބޭއްވި އެފްއޭއެމްގެ ހާއްސަ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމި މި ނިންމުމަކީ، ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒުކޮށް، އަތޮޅުތަކުގެ ޓީމުތަކަށް އެސޯސިއޭޝަންގެ ނިންމުންތަކުގައްޔާއި ވާދަވެރި މުބާރާތްތަކުގައި ފުރިހަމަ ބައިވެރިވުން ކަށަވަރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

Advertisement
Article Inside

ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު ލީގުން ޖާގަ ހޯދާފައިވާ މި ދެ ރަށަކީ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ވަރަށް ގަދަ ދެ ރަށެވެ. މި މެންބަރުކަން ލިބިގެންދިޔުމާއެކު، އެފްއޭއެމްގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގާއި، އެސޯސިއޭޝަނުން ރާވާ ހިންގާ ރަސްމީ ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު މި ދެ ކްލަބަށް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެ އެވެ.

ރޭގެ ކޮންގްރެސްގައި ދެ ކުލަބަކަށް މެންބަރުކަން ދިނުމުގެ އިތުރުން، ކުރިން ނިންމާފައިވާގޮތުގެ މަތިން އެފްއޭއެމްގެ އެކި ކޮމިޓީތަކަށް ވަނީ މެންބަރުން އައްޔަންކޮށްފަ އެވެ. މިދިޔަ ޖުލައި މަހު ބޭއްވި ކޮންގްރެސްއިން ވަނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ނިންމާފައެވެ. ވަޅުޖެހެމުންދިޔަ ދިވެހި ފުޓުބޯޅަ އަލުން ކޮޅަށްޖަހައި، ކުރީގެ ޒުވާން ވިދުން ގެނެސްދިނުމަށް އެފްއޭއެމްގެ އައު ލީޑަޝިޕުން އަންނަނީ އިދާރީ ހިންގުން ދެފުށްފެންނަ، ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފައްތަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ ފުޓުބޯޅަ ލާމަރުކަޒުކޮށް އަތޮޅުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތައް އުފައްދައި ހިންގުމުގެ މަސައްކަތްތައްވެސް އެ އެސޯސިއޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ. ރީޖަނަލް އެސޯސިއޭޝަންތައް ގާއިމުކުރާ ރަށްރަށުގެ ތެރޭގައި ހއ. ދިއްދޫ ހިމެނެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފުޓްބޯޅަވެސް ތަރައްގީކޮށް، ވާދަކުރުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަކީ އެފްއޭއެމްގެ ލަނޑުދަނޑިއެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް