ގައުމީ ވޮލީބޯޅަ ލީގު ފެށުން ސިފައިންނާއި ޕޮލިހަށް ކާމިޔާބު
ލިޔުންތެރިޔާ
ޕޮލިސް ކްލަބް ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/ޕީއެސްއެމް
މިއަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަން 1ގެ މެޗުތައް އިއްޔެ ފަށާފައި ވާއިރު، ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
އިއްޔެ ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ސިފައިން ނުކުތީ މުޅިން އަލަށް މި މުބާރާތުގައި ވާދަކުރާ ލަޔަންސް ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ. މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކައި ސިފައިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-16، 25-20 އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސިފައިންގެ ފަހަދު ރިޒާ އެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ރޭ ޕޮލިސް ކުލަބުން ވަނީ ވީއޭއެމް ކަޕުގެ ޗެމްޕިއަން ކުލަބް އެމްޓީސީސީއާ ދެކޮޅަށް ކުޅެ، ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ޕޮލިހުން ފުރަތަމަ ދެ ސެޓު ގެންދިޔައީ 25-22 އަދި 30-28 އިންނެވެ. އަދި ތިންވަނަ ސެޓު ފަސޭހަކަމާއެކު 25-14 އިން ކާމިޔާބުކޮށް ޕޮލިހުން ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.
ފިރިހެން ޑިވިޝަންގައި ޖުމްލަ ފަސް ޓީމު ވާދަކުރާއިރު، އެއީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް އަދި ލަޔަންސް ރެކްރިއޭޝަން ކްލަބާއި އެމްޓީސީސީގެ އިތުރުން ކްލަބް އެޗްޑީސީ އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުލަބް އެޗްޑީސީ ނުކުންނާނީ އެމްޓީސީސީއާ ދެކޮޅަށެވެ. އަދި މިރޭ ޕޮލިސް ކުލަބް ނުކުންނާނީ ލަޔަންސް ކުލަބާ ދެކޮޅަށެވެ.
ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަން 1ގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. ލީގުގައި ވާދަކުރާ ޓީމުތަކަކީ ހުރާ ކޮމިއުނިޓީ ކްލަބް، ކްލަބް ވެމްކޯ، ޕޮލިސް ކްލަބް، އެމްޓީސީސީ އަދި ސިޓީ ފްރެންޑްސް ކްލަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް