އެންމެ މޮޅު ޖޫނިއާ އެތުލީޓުންނަށް އަތޫފް އަދި ޖަދުވާ
ލިޔުންތެރިޔާ
އަތޫފް އަދި ޖަދުވާ --ފޮޓޯ/އެފްއޭއެމް
އެކުވެނި ސިންތެޓިކް ޓްރެކުގައި ފޯރިއާ އެކު ކުރިއަށްދިޔަ ރާއްޖެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އަތޫފް މުހައްމަދު އާތިފް ހޮވުނުއިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް އައްޑޫގެ ހައްވާ ޖަދުވާ މުސްޠަފާ ހޮވިއްޖެ އެވެ.
އުމުރުފުރާތަކުގެ ނަތީޖާތަކަށް ބަލާއިރު، 20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓު އަތޫފް ވަނީ 100 މީޓަރު ދުވުމާއި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދުމުގެ އިތުރުން 200 މީޓަރު ދުވުމުން ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އަދި އަންހެން ބައިން އެންމެ މޮޅު އެތުލީޓަކަށްވީ ޖަދުވާ އެވެ. އޭނާ ވަނީ 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މި އުމުރުފުރާގެ މެންސް ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައިސްކޫލް (ވީއައިއެޗްއެސް) ހޯދިއިރު، ވިމެންސް ޗެމްޕިއަންކަން ހޯދީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.
މި މުބާރާތުގެ އެހެން އުމުރުފުރާތަކަށް ބަލާއިރު، 18 އަހަރުން ދަށުގެ އުމުރުފުރާގެ މެންސް އަދި ވިމެންސް ދެ ބައިގެ ޗެމްޕިއަންކަން ހޯދީ ސީއެޗްއެސްއީ - މާލެ އެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ އެ ސުކޫލުގެ ރާއިފް މުހައްމަދެވެ. ރާއިފް ވަނީ ލޯންގް ޖަމްޕާއި ހައިޖަމްޕުން ރަން އަދި 800 މީޓަރު ދުވުމުން ރިހިމެޑަލް ހޯދައިފަ އެވެ. އެންމެ މޮޅު އަންހެން އެތުލީޓަކީ 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ސީއެޗްއެސްއީގެ އައިމިނަތު ލުޙްޔާ އަހުމަދެވެ.
މީގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ 400 މީޓަރު އަދި 800 ޟީޓަރު ދުވުމުން ރަން މެޑަލް ހޯދި އަހުމަދު އަލޫފެވެ. އަންހެން ބައިން އެންމެ މޮޅީ 80 މީޠޓަރު ހާޑުލްސް އަދި ހައިޖަމްޕުން ރަން މެޑަލް ހޯދި އައިމިނަތު ނީމް މުހައްމަދެވެ. މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ހުރަވީ ސްކޫލް ހޮވުނުއިރު، އަންހެން ޗެމްޕިއަން ޓީމަކީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ.
ހަމަ އެއާއެކު 14 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހުރަވީ ސްކޫލުގެ އައިޝަތު ލީމް ހޮވުނުއިރު، ފިރިހެން ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ރެހެންދި ސްކޫލުގެ ޝަޔާން އަސްލަމެވެ. މި އުމުރުފުރާގެ ފިރިހެން އަދި އަންހެން ދެ ބައިގެ ޗެމްޕިއަންކަންވެސް ހޯދީ ރެހެންދި ސްކޫލުންނެވެ.
މިމަހުގެ 10 އިން 15 އަށް ކުރިއަށްދިޔަ މި މުބާރާތުގައި 33 ޓީމަކުން ވާދަކުރި އިރު، 4 އޭޖް ގުރޫޕަކުން 95 އިވެންޓެއްގައި ޖުމުލަ 866 އެތުލީޓުން ވާދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި 499 ފިރިހެން އެތުލީޓުންނާއި 367 އަންހެން އެތުލީޓުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް