ފަސް މިލިއަން ގަސް މަޝްރޫއު: ފުރަތަމަ ނާސަރީ މީދުގައި ހުޅުވައިފި
ލިޔުންތެރިޔާ
މީދޫ ނާސަރީ ހުޅުވުމުގެ ތެރެއިން --- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ފަސް އަހަރު ދުވަހުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 20 ނާސަރީގެ ތެރެއިން ފުރަތަމަ ނާސަރީ މިއަދު ސ. މީދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ.
އިއްޔެ މީދޫގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި ނާސަރީ ރަސްމީކޮށް ހުޅުއްވާދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކޮށް މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަގުސަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު ޤައުމީ މަސައްކަތެއްކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ
މިނިސްޓްރީން ބުނީ އިއްޔެ މީދޫގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެ ނާސަރީ ހުޅުވިގެން ދިޔުމާއެކު، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިތުރަށް ފުޅާވެ، އެ ސަރަހައްދަށް ބޭނުންވާ ގަސްގަހާގެހި ފަސޭހަކަމާއެކު އާލާކޮށް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ޤާއިމުކުރާ މިފަދަ ނާސަރީތަކުގެ ސަބަބުން، ރަށްރަށުގެ ފެހިކަން ދެމެހެއްޓުމަށާއި، ގަސް އިންދުމުގެ ސަގާފަތް މުޖުތަމަޢުގައި އަށަގެންނެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތަނުގައި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާކީ ހުރި ނާސަރީތައް ވެސް ޤާއިމުކުރެވިގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް