އައު ޓެކްނޮލޮޖީތައް ބަލައިގަނެ، އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭ: ރައީސް
ލިޔުންތެރިޔާ
ރައިސް އއ. އުކުޅަހުގައި ގަހެއް އިންދަވަނީ -- ފޮޓޯ/ ރައީސް އޮފީސް
އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައި ރައީސް ޑރ، މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ރައްކާތެރި، ސިއްހަތަށް ފައިދާހުރި އަދި ހެޔޮއަގުގައި ކާބޯތަކެތި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އީޖާދީ އަދި ދެމެހެއްޓެނިވި ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރުމުގެ މުހިންމުކަމަށެވެ.
މިއަހަރުގެ ޝިއާރު ކަމަށްވާ "އީޖާދީ މަސައްކަތުން މިއަދު - ފައިދާހުރި މާދަމައަކަށް" މި ޝިއާރަކީ، މިއަދު ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބިންގާކަން ހަނދާންކޮށްދޭ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އައު ވިސްނުންތަކާއި އައު އީޖާދުތަކަށް އިންވެސްޓުކޮށް، ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް އެ ވަސީލަަތްތައް ހިމާޔަތްކުރަންޖެހޭކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތިކަން ކަށަވަރުކުރުމަށް ދަނޑުވެރިކަމާ އެއްވަރަށް މަސްވެރިކަން ވެސް ކުރިއަރުވަން ޖެހޭކަމަށެވެ. އެގޮތުން މި ސަރުކާރުން މަސްވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާކަަމަށް ރައީސް ވިދާޅުވުއެވެ.
އެގޮތުން، މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށް ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ލިބޭނެކަން ކަށަވަރުކޮށް މަސްރައްކާ ކުރުމާއި ޕްރޮސެސްކުރުމުގެ ވަސީލަތްތައް ގާއިމުކޮށް، މުޅި ސިނާއަތުގެ ކުރިއެރުމަށް ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަނޑުވެރިކަން ތަރައްގީކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އެކި ރަށްތަކުގައި ދަނޑުވެރިކަމުގެ މަޝްރޫތައް ކުރިއަށްގެންދެވޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރަށްތަކުގެ ބިންތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ރަށްތަކަށް ބާރުއަޅައި، އުފެއްދުންތެރިކަން އިތުރުކުރުމުގެ ތެރެއިން ތާޒާ މޭވާ ލިބުން ފަސޭހަކޮށް، ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް