އުމުރުން 13 އަހަރުގައި ލައިބާ އަނެއްކާ ވެސް ސީނިއާ ޤައުމީ ޓީމަށް
ލިޔުންތެރިޔާ
ލައިބާ އަޙުމަދު މަޚްލޫފް (އެލީ)
މިމަހުގެ 13 އިން 16 އަށް ކުރިއަށް ގެންދިޔަ ސީނިއާ ޤައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަން މުބާރާތުން، ލައިބާ އަހްމަދު މަޚްލޫފް (އެލީ) ވަނީ ޓީމުގައި އޮތް ޖާގަ އަނެއްކާ ވެސް ދިފާއު ކޮށްފައި އެވެ.
އުމުރުން 13 އަހަރުގެ ލައިބާ އަކީ މިފަހަރު ވެސް ޓީމުގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔާ އެވެ.
ލައިބާ ފުރަތަމަ ސީނިއާ ޤައުމީ ޓީމުން ޖާގަ ހޯދީ، މިދިޔަ އަހަރު ބޭއްވި ނެޝަނަލް ސިލެކްޝަން މުބާރާތުން، އުމުރުން ހަމައެކަނި 12 އަހަރުގައި ތާރީޚީ ކާމިޔާބެއް ހާސިލު ކޮށްގެންނެވެ.
ލައިބާ އަކީ މިވަގުތު ރާއްޖޭގެ 15 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސްގައި ރޭންކުގެ އެއް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އަދި 19 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސްގައި ވެސް ލައިބާ އޮތީ ރޭންކުގެ އެއް ވަނައިގައި އެވެ. ފަސްޓް ޑިވިޝަން ސިންގަލްސްގައި ފާތިމަތު ނަބާހާ (ނަބާ)އާއި، އާމިނަތު ނަބީހާ (ނަބީ)ގެ ފަހަތުން، ރޭންކުގެ ތިންވަނަގައި އޮތީ ވެސް ލައިބާ އެވެ.
ރާއްޖޭގެ މުބާރާތްތަކުން ހޯދި ކާމިޔާބީތަކުގެ އިތުރުން، ނިމިދިޔަ އަހަރުތަކުގައި ލައިބާ ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މިދިޔަ އަހަރު އާމޭނިއާގައި ބޭއްވި އާމޭނިއަން ޔޫތު އޯޕަން އިން ލައިބާ ހޯދި ތާރީޚީ 3 ރަން މެޑަލް ވެގެން ދިޔައީ، ޔޫތު ކެޓަގަރީގެ ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލް ތަކަށެވެ.
މިފަހަރުގެ ސިލެކްޝަން މުބާރާތުގައި ވާދަކުރުމަށް ފުރުސަތު ދިނީ، ސީނިއާ ނެޝަނަލް ރޭންކިންގެ އެންމެ މަތިން ރޭންކުކުރާ 10 ކުޅުންތެރިންގެ އިތުރުން، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ރޭންކުގެ އެއްވަނަގައި ތިބި ކުޅުންތެރިންނަށެވެ.
އަންހެން ޤައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިން:
1. ފާޠިމަތު ނަބާހާ އަބްދުލް ރައްޒާޤު (ނަބާ)
2. އާމިނަތު ނަބީހާ އަބްދުލް ރައްޒާޤު (ނަބީ)
3. ލައިބާ އަހްމަދު މަޚްލޫފް
4. ޔަލްވީ ހުސައިން ޒުހުރީ
5. އާމިނަތު އަމްނާ އަލީ އާމިރު
6. ޝުބާ މުހައްމަދު ޝަރީފް
ފިރިހެން ޤައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިން:
1. ހުސައިން ޒަޔާން ޝަހީދު ޒަކީ (ޒަޔާން ޒަކީ)
2. ނިބާލް އަހްމަދު
3. ހައިޝަމް އިބްރާހީމް އަލީ
4. ހަސަން ޒަޔާން މުހައްމަދު
5. އައްޔޫބް އަޒްހަރު މުހައްމަދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް