ވެރިކަމާ ހަވާލުވީއިރު ޤައުމު އޮތީ ބަނގުރޫޓުވާ ހިސާބުގައި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ އިން: ނައިބު ރައީސް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ޤައުމު އޮތީ އިޤްތިސާދީ ގޮތުން ބަނގުރޫޓުވާ ހިސާބަށް ދުއްވާލާފައި ކަމަށް ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
"އެމްއެމްޓީވީ"ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ނައިބު ރައީސް ޙުސެއިން ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ބިނާކުރުމުގެ މަސައްކަތް އޮތީ މުޅިން އަލުން ބަލުން ފަށަން ޖެހިފައި ކަމަށެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ އިޤްތިޞާދީ ގޮތުން ވެސް ރާއްޖެ އޮތީ ރަނގަޅު ޙާލަތެއްގައި ނޫން ކަމަށާއި، މި ސަރުކާރު ހަވާލުވީއިރު ރާއްޖެ އޮތީ ބަނގުރޫޓުވާ ހިސާބަށް ދުއްވާލަފައި ކަމަށެވެ.
އެކަން ފާހަގަ ކުރައްވައި ނައިބު ރައީސް ޙުސެއިން ވިދާޅުވީ، ދިވެހި ޤައުމު މި ޙާލަތަށް ވައްޓާލުމުގެ ޒިންމާ ނަގަން ޖެހޭނީ އިދިކޮޅު އެމްޑީޕީ އިން ކަމަށެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕު ކޮށްގެން ޤައުމުގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށާއި، މިއަދު ޑޮލަރުގެ މައްސަލަ މިއޮތް ހިސާބަށް ދިޔައީ އެކަމުގެ ސަބަބުން ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައި އެވެ.
އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕުކުރިއިރު، ޤައުމު މިއަދު މިއޮތް ޙާލަތަށް ދާނެ ކަމަށް އެ ސަރުކާރުން ޤަބޫލު ނުކުރި ކަމަށް ވެސް ނައިބު ރައީސް ޙުސެއިން ވިދާޅުވި އެވެ. މިއަދު އެމްޑީޕީ އިން ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަ ދައްކަމުން އަންނަކަން ފާހަގަ ކުރައްވައި ނައިބު ރައީސް ޙުސެއިން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ވެސް އެކަން ތަންފީޒުކުރުމާ ހަމައަށް ކަންކަން ގެންދިޔަ ކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ޙުސެއިން ވިދާޅުވީ، ޤައުމުގެ ވިޔަފާރުތައް ކުރިއަރާނީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމާ އެކު، ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަށް ގޮސްގެން ކަމަށެވެ. މިއަދު ރައީސް މުޢިއްޒު ވަޑައިގަންނަވަނީ އެ މަގުން ކަމަށާއި، ރައީސް މުޢިއްޒު އަކީ ޤައުމު އިސްކުރައްވާ، ވަޠަނީ ލީޑަރެއް ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައި އެވެ.
ނައިބު ރައީސްގެ ވާހަކައިގައި ވިދާޅުވީ، ރައްޔިތުން އިޚުތިޔާރު ކުރަނީ ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރާނެ ވެރިއެއް ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ރައީސް މުޢިއްޒު ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، ވަޑައިގަންނަވާނީ ކުރިއަށް ކަމަށް ވެސް ނައިބު ރައީސް ޙުސެއިން ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް