އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭނެ: ސާފް
ލިޔުންތެރިޔާ
އިންޑިއާ އާއި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/އެފްއޭއެމް
އަންނަ މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން އިންޑިއާ ނަން ނަގަން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، އެ ގައުމުން މުބާރާތުގައި ވާދަކުރާނެ ކަމަށް ސައުތު އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަން (ސާފް) އިން ކަށަވަރުކޮށްދީފި އެވެ.
އަންނަ މަހުގެ ފީފާ ބްރޭކުގައި ނިއުޒިލަންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އިންޑިއާއިން ތައްޔާރުވަމުންދާތީ، މި ފަހަރުގެ ސާފް މުބާރާތަށް އެ ގައުމުން ފޮނުވަން ނިންމާފައިވަނީ ޒުވާން ޓީމެކެވެ. މިއީ މީގެ ކުރިން 2018 ވަނަ އަހަރުގެ މުބާރާތުގައިވެސް އިންޑިއާއިން އަމަލުކުރި ގޮތެވެ. އެފަހަރުގެ ފައިނަލުގައި ޒުވާން ޓީމަކާއެކު ނުކުތް އިންޑިއާ ވަނީ ރާއްޖެ އަތުން ބަލިވެފައެވެ.
ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި އިންޑިއާއިން ނިއުޒިލަންޑުގައި ކުޅޭ މެޗުތައް އޮންނާނީ ނޮވެމްބަރު 12 އަދި 15 ގަ އެވެ. އިންޑިއާ ވަނީ އެންމެ ފަހުން އޮތް ބްރޭކުގައި ޕެނަމާ އާއި ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް ކުޅެފަ އެވެ.
އިންޑިއާ މުބާރާތުން ބައިވެރިނުވާން ނިންމާފައިވާ ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން ހޮނިހިރު ދުވަހު ސާފުން ނެރުނު ރަސްމީ ބަޔާނުގައި ބުނީ، އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނާ ވާހަކަ ދައްކާފައިވާ ކަމަށާއި އެ ގައުމުން މި ފަހަރުގެ މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ހަގީގަތް ނޭނގޭ ވާހަކަތައް މީޑިއާތަކުން ރިޕޯޓް ނުކުރުމަށް ނަސޭހަތްތެރިވަމުން، މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީ ގައި ރާއްޖެއާއެކު ދެން ހިމެނެނީ އިންޑިއާ އާއި ޕާކިސްތާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް