ފްލެޓުތައް ހުސްކުރަން އެފްޑީސީ އިން އެންގުމާ އެކު، ކުލި ދައްކަން ފަށައިފި
ލިޔުންތެރިޔާ
އަމާން އުދަރެސްގެ ޓަވަރުތަކެއް.
އެއްގޮތަކަށް ވެސް ކުލި ނުދައްކާ އަމާން އުދަރެސްގެ ދެ ޔުނިޓެއް ހުސްކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެންގުމާ އެކު، ފްލެޓުތަކަށް ކުލި ދައްކަން މީހުން ގުޅަން ފަށާފައިވާ ކަމަށް އެފްޑީސީ އިން ބުނެފި އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ބައެއް މީޑިއާ ތަަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފްޑީސީ އިން ނޯޓިސް ފޮނުވާފައި ވަނީ އެއް މަސް ދުވަަސް، ނުވަތަ ދެ މަސް ދުވަހުގެ ކުލި ނުދައްކާ ފަރާތްތަކަށް ކަމަށެވެ. އެ ފައިސާ ނުދައްކާތީ، ފްލެޓުތައް ހުސްކުރުމުގެ ނޯޓިން ފޮނުވުމާ އެކު، ވަރަށް ގިނަ ފަރާތްތަކުން ކުލި ދައްކަން ގުޅައި، އެއްބަސްވެފައިވާ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
މީގެ އިތުރުން ހަމްދާން ވިދާޅުވެފައި ވަނީ އެއްފަހަރާ ފައިސާ ދެއްކެން ނެތް ފަރާތްތަަކަށް، އެކި ފަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު އެފްޑީސީ އިން ހަމަޖައްސައި ދޭނެ ކަމަށެވެ. ހަމްދާން ފާހަގަ ކުރެއްވި ގޮތުގައި، ގިނަ ފަރާތްތަކުން އަންނަނީ ކުލި ދައްކަމުންނެވެ. އެހެން ނަމަވެސް، މަދު ފަރާތްތަކަކުން ކުލި ނުދައްކާ ތިބި ކަމަށް ފާހަގަ ކުރެވިފައިވެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު އެފްޑީސީ އިން ވަނީ އަމާން އުދަރެސްގެ ޓަވަރުތަކުގެ ތެރެއިން ޤަވާއިދުން ކުލި ނުދައްކާ ދެ ޔުނިޓަކަށް ތަން ހުސްކުރުމުގެ ނޯޓިސް ފޮނުވައިފަ އެވެ. އެއީ ކުލި ދެއްކުމަށް އެކި ފަހަރުގެ މަތިން އަންގައި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް