ކޯޗަކަށް ޝާކިއްޓޭ: 15 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ރާއްޖޭގެ ސްކޮޑު ފައިނަލްކޮށްފި
ލިޔުންތެރިޔާ
ޝާކިއްޓޭ -- ފޮޓޯ/އެފްއޭއެމް
މި މަހު އަޒަރުބައިޖާންގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައި، މުބާރާތަށްދާ ގައުމީ ސްކޮޑު ފައިނަލްކޮށްފި އެވެ.
އަޒަރުބައިޖާންގެ ބަކޫގައި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 22 އިން 31 ނިޔަލަށެވެ. ފީފާ ކައުންސިލުން ފާސްކޮށްފައިވާ 15 އަހަރުން ދަށުގެ މި ތާރީހީ މުބާރާތަކީ ފީފާގެ މެންބަރު ހުރިހާ ގައުމަކަށް ފުރުސަތު ލިބޭގޮތަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ އަންގުއިލާ، އެސްޓޯނިއާ، ފްރާންސް، ކޮސޯވޯ އަދި ސައުތު އެފްރިކާއާ އެކު ގްރޫޕެ އޭގަ އެވެ.
އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓްގައި އިސް ދައުރެއް އަދާކުރަމުން އަންނަ ޝާކިއްޓެއާއެކު ޓީމުގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އަހުމަދު ފައްރާހު (ފައްރަ) އާއި ހުސެއިން އައްބާސްއެވެ.
މުބާރާތުގައި ވާދަކުރާ ދިވެހި ސްކޮޑު:
ޝައިމަން އަހުމަދު ރިޒާ، އަބްދުﷲ ރައުޝަމް އިބްރާހިމް މުޖާހު، އިބްރާހިމް ހުނައިފް، އިބްރާހިމް އިޔާސް ބިން ހަސަން، މުހައްމަދު ޔަންނި އަބްދުﷲ، ޔޫސުފް ލާއިގް އިބްރާހިމް، ޔޫސުފް ޔޫ އާން އަހުމަދު، މިކާ މުހައްމަދު ކަލީމް، ޒެކް ޒެވިއަލް އަހުމަދު، ހުސެއިން ރިލްހާން ގާސިމް، އައިދާން ބިން އަބްދުﷲ، އައްމާރު ބިން ނަވާޒް، ޝުއާއު މުހައްމަދު އަޔާޒް، އަބްދުﷲ ގާނިތު ބިން އިއްޒު.
ފީފާގެ ހާއްސަ ފަންޑަކުން ހިންގާ މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި ހުރިހާ ގައުމެއްގެ ބައިވެރިވުން ކަށަވަރުކޮށް، ކުދިންގެ ހުނަރު ކުރިއެރުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މި އަހަރުގެ މުބާރާތް ފިރިހެން ކުދިންނަށް ހާއްސަ ކޮށްފައިވާއިރު، މުބާރާތުގައި ކުޅޭނީ 2011 އަދި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިންނެވެ.
ޖުމްލަ 191 ގައުމާ އެކު ގުރޫޕް ސްޓޭޖް ކުރިއަށް ދާނީ ޓޯނަމަންޓް ސްޓޭޖްގެ ހަ ޑިވިޝަންގެ ކޮލިފިކޭޝަން ފޭސްގެ ގޮތުގަ އެވެ. އެގޮތުން ގުރޫޕްތަކުން އެ ޓީމެއް ނިންމާ ހިސާބަކުން ވާދަ ކުރާނެ ޑިވިޝަނެއް ކަނޑައެޅޭނެ އެވެ. އަދި ކޮންމެ ޓީމެއް ވެސް ޓޯނަމަންޓް ފޭސްގައި ކްރޮސް އެލިމިނޭޝަން އުސޫލުން 4-5 މެޗު ކުޅޭނެ އެވެ. ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމު ހޮވަން ކަނޑައެޅިފައި ވާއިރު، މުޅި މުބާރާތުގެ ރަސްމީ ޗެމްޕިއަނުން ކަމަށް ކަނޑައަޅާނީ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް