އަނބުރައި ދައްކަން ނުޖެހޭ ގޮތަށް، ގެދޮރު އެޅުމަށް އިކުއިޓީ ދިނުމަށް ބޭންކުތަކާއެކު ސޮއިކޮށްފި
ލިޔުންތެރިޔާ
ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމްގެ ދަށުން "ހެލްޕު ޓު ބިލްޑު ސްކީމް" ތަންފީޒު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ލޯނު ނެގާ ފަރާތްތަކުން ބޭންކަށް ދަށްކަންޖެހޭ އިކުއިޓީގެ ފައިސާ ސަރުކާރުން ބޭންކުތަކަށް ދިނުމަށް މާލީ ހަތަރު އިދާރާއަކާ އެކު ހައުސިން މިނިސްޓްރީން އެއްބަސްވުމުގައި ސޮއިިކޮށްފިއެވެ.
ސަރުކާރުން ތަޢާރަފުކުރި "ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމް" ގެ ދަށުން، އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ 'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމްތައް ތަންފީޒުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއެކު އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޮއިކުރެއްވިއިރު، މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެންމެ އިސްވެރިންނެވެ.
'ހެލްޕް ޓު ބިލްޑް' ސްކީމް ޚާއްޞަކޮށްފައިވަނީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު ޢިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް މަގުފަހިކޮށްދިނުމަށެވެ. މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް އަމާޒުކޮށްފައިވާ މި ސްކީމުގެ ދަށުން، އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް ދެލައްކަ ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ބިންތަކަށް ހާއްސަކޮށް، އާއިލީ ބިމެއްގައި އެއް ފަރާތަށްވުރެ ގިނަ މިލްކުވެރިން އެކުވެގެން ޢިމާރާތްކުރާނަމަ ބޮލަކަށް ދެލައްކަ ރުފިޔާގެ މަގުން އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީ ހަމަޖައްސައިދިނުމަށް އެ ޕްރޮގްރާމްގެތެރެއިން ވެސް ވަނީ ނިންމައިފައެވެ.
އެ ފައިސާއަކޯ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ ޢިމާރާތް ވިއްކާލައިފިނަމަ އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަންޖެހޭނެއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ވޯލްޑް ބޭންކް އާއި ހައުސިން މިނިސްޓްރީ ގުޅިގެން ކުރި ދިރާސާ ތަކުން ދައްކާ ގޮތުގައި ދިވެހި ރައްޔިތުންނަށް ގޯތީގައި އަމިއްލަ އަށް އިމާރާތް ކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ އިކުއިޓީގެ އެހީތެރިކަން ނުލިބުން ކަމަށެވެ.
އެހެންވެ ސަރުކާރުން އެކި އެކި ބޭންކުތަކާ ވާހަކަ ދައްކައިގެން ކަނޑައެޅީ، އިކުއިޓީގެ އެހީތެރިކަން ދީގެން ދިވެހި ރައްޔިތުންނަށް ލޯނު ލިބޭނެ މަގުފަހި ކޮށްދިނުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފަސް އިންސައްތައިގެ ލޯނު ކުރިއަށް ގެންދިޔައިރު ދިމާވި އެންމެ ބޮޑު ދައްޗަކީ، އެކަން ރޭވިފައި އޮތް ގޮތުން އުނދަގޫ ތަކެއް ހުރުމާއެކު ގިނަ ބޭންކުތަކުން އެކަމުގެ ތެރެއަށް ވަދެ، އެ ލޯނު ފޯރުކޮށްދިނުމަށް ފަސްޖެހުން ކަމަށެވެ.
އެހެން ނަމަވެސް، މިފަހަރު ސޮއި ކުރެވުނު ސްކީމް ތަކަކީ ބޭންކުން ލޯނު އެޕްރޫވްވާ ކޮންމެ ފަރާތަކީ އަމިއްލަ ބޯހިޔާވަހިކަން ފުރަތަމަ ފަހަރަށް ހޯދާ ފަރާތަކަށްވާ ނަމަ، އެ ފަރާތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، އެ ފައިސާ އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު މުއްޠަލިބު ވިދާޅުވެފައިވެ އެވެ.
އެކަން ފާހަގަ ކުރައްވައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދާނީ ރާއްޖޭގެ އެކި ރަށް ރަށުގައު ގޯތި ލިބި، އިމާރާތް ކުރެވޭނެ ގޮތެއް ނެތިފައި ތިބި ފަރާތްތަަކަށް ކަަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ތިން ކޮަޓަރީގެ ގެއެއް އެއް މިލިއަން ދިވެހި ރުފިޔާ އިން ހެދޭ ކަމަށް ވާ ނަމަ، ސަރުކާރުން ދެނީ ގާތް ގަނޑަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ކަމަށެވެ. ބާކީ އަށް ލައްކަ ރުފިޔާ އެ ފަރާތުން ހޯދާނީ ބޭންކު ފައިނޭންސިންގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެންމެ ޙާލަތެއް ފިޔަވައި، އެ ދެ ލައްކަ ރުފިޔާ ސަރުކާރަށް އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު މުއްޠަލިބު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ދެ ލައްކަ ރުފިޔާ އަނބުރާ ދައްކަން ޖެހޭ ހަމައެކަނި ޙާލަތަކީ ވަކި މުއްދަތެއްގެ ތެރޭގައި އިމާރާތް ވިއްކާލާ ނަމަ، އެ އިކުއިޓީ ޕޭމަންޓް އަނބުރާ ހޯދުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، މިއީ އަމިއްލަ ގޯތީގައި އިމާރާތް ކުރުމަށް ވީހާ ވެސް ގިނަ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކުރާ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް