ކްރެޑިޓް ރޭޓިން މައްޗަށް ދިޔުމަކީ، ބައިނަލްއަޤުވާމީ އިދާރާ ތަކުން ފާހަގަކުރާ ކާމިޔާބެއް: ފިނޭންސް މިނިސްޓަރު
ލިޔުންތެރިޔާ
އާދީއްތަ ދުވަހުގެ ރޭ އޮތް "އަހާ" ފޯރަމްގައި ފިނޭންސް މިނިސްޓަރު ޒަރީރު ވާހަކަ ދައްކަވަނީ.
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން މައްޗަށް ދިޔުމަކީ ބައިނަލްއަޤުވާމީ މާލީ އިދާރާ ތަކުން ފާހަގަކުރާ ކާމިޔާބެއް ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި މިނިސްޓަރުންގެ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވީ، މިއަހަރަކީ ރާއްޖެ އަށް ގޮންޖެހުންތަކެއް ދިމާވި އަހަރަކަށް ވީ ނަމަވެސް ރަނގަޅު މިސްރާބަކަށް އިޤްތިޞާދު ގެންދިޔުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އަލި މަގުތަކެއް ފެންނަން ފަށާފައިވާ ކަމަަށެވެ.
ދާދި ފަހުން މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ 2 އިން، ސީއޭއޭ 1 އަށް މަތިކުރި ކުރުމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން އަށް މަތިވުމެއް އައުމަކީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ވެސް ފާހަގަކުރާ ކާމިޔާބެއް ކަމަށެވެ. އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމު ތަކުން ވެސް އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވާ ކަަމަށެވެ.
"ދާދި މިދާތަކަށް ދުވަހު އަޅުގަނޑުމެންނަށް އެނގިއްޖެ ދައުލަތުގެ ކްރެޑިޓް ރޭޓިން އަށް އިމްޕްރޫވްމަންޓެއް އައިކަން. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަަގަކުރާ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް، ދުނިޔޭގެ މާލީ އިދާރާ ތަކުން ވެސް ފާހަގަކުރާ އެޗީވްމަންޓެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.
އެއާއެކު ރާއްޖެ އަށް ފެންނަނީ އަލި ދުވަސް ތަކެއް ކަމަށް ވެސް ފޯރަމްގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ. މިއަހަރަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ އަހަރެއް ކަމަށާއި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން، ތެލުގެ އަގަށް އައި ބަދަލާއި، ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުގެ އަސަރު ރާއްޖެ އަށް ކޮށްފައިވާ ކަމަށެވެ.
ވަކިން ޚާއްސަކޮށް ދައުލަތުން ސަބްސިޑައިޒް ކުރަން ޖެހޭ މިންވަރު ބޮޑުވެ، ތެލުގެ އަގު ހިފެހެއްޓުމާއެކު، ރައްޔިތުންނަށް ދިމާވާނެ ދަތިތައް މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް