ޚަބަރު

ޑޮލަރު މާރުކުރުމުގެ ވާހަކަ ކުރީގެ ވެރިން ވެސް ދެއްކެވި، ތަންފީޒު ކުރަން ކެރިވަޑައިގެންނެވީ ރައީސް މުޢިއްޒު އަށް: ނައިބު ރައީސް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޑޮލަރު މާރުކުރުމުގެ ވާހަކަ ކުރީގެ ވެރިން ވެސް ދެއްކެވި، ތަންފީޒު ކުރަން ކެރިވަޑައިގެންނެވީ ރައީސް މުޢިއްޒު އަށް: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަޠީފް

ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ވާހަކަ އަކީ ކުރީގެ ވެރިން ވެސް ދައްކަވާފައިވާ ވާހަކަ ތަކެއް ކަމަށާއި، ނަމަވެސް އެކަން ތަންފީޒު ކުރައްވަން ކެރިވަޑައިގެންނެވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ކަމަށް، ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް އަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން "އެމްއެމްޓީވީ"ގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ޙުސެއިން ވިދާޅުވީ، ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް މަހަކު ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމުކުރާ ގޮތަށް ގެނައި ބަދަލަކީ، ދިވެހި ރައްޔިތުންގެ މަސްލަހަތުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ޙުސެއިން ވިދާޅުވީ، ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމުކުރުމުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ވެރިން ވެސް ދައްކަވާފައިވާ ވާހަކައެއް ކަމަށެވެ. އަދި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި ވެސް އެ ވާހަކަ ދެކެވިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. ނަމަވެސް، އާންމު ތަނެއްްގައި އެ ވާހަކަ ދެއްކެވުމަށް ކުރީގެ އެއްވެސް ވެރިޔަކަށް ކެރިވަޑައިނުގެންނެވި ކަމަށް ނައިބު ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޑޮލަރު ނުލިބި ޤައުމުގެ އިޤްތިސާދުގައި ޑޮލަރު ދައުރުނުވާ ނުވުމަށް ނިމުމެއް ގެނައުމުގެ ބޭނުމުގައި ގެނައި ބަދަލަކީ، ދުރުވިސްނޭ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައި އެވެ. ޑޮލަރު މާާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ފައިދާ އާއި މަންފާ ގިނަކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެކަމާމެދު ހިތްހަމަ ނުޖެހޭ ބަޔަކު އެ ވާހަކަ ދައްކަނީ އެ ބަޔަކަށް ލިބޭ މަންފާ އަށް ކޮންމެ ވެސް ވަރެއްގެ އުނިކަމެއް އަތުވެދާނެތީ ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވެފައި ވަނީ، ރައީސް މުޢިއްޒު އަބަދު ވެސް އިސްކަން ދެއްވަނީ ރައްޔިތުންގެ މަސްލަހަތަށް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކުރެއްވުމާއި، ރައްޔިތުންނަށް ފައިދާވާނެ ކަންކަން ފަހިކޮށްދެއްވުމަށް ރައީސް މުޢިއްޒު މަސައްކަތް ކުރައްވާ ކަމަށާއި، ރައީސް މުޢިއްޒުގެ ޒިންމާއަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް