Article Top
ޚަބަރު •

ފުލުހުންގެ 17 ވަނަ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފުލުހުންގެ 17 ވަނަ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި

ފުލުހުންގެ 17 ވަނަ ފަސްޓްލައިން މެނޭޖްމަންޓް ކޯހުގައި ބައިވެރިވި ފުލުހުން.

ފުލުހުންގެ 17 ވަނަ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި އެވެ.

މި ކޯސް ކުރިއަށް ގެންދަނީ ސައުތު ސެންޓްރަލް ޕޮލިހާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓު ގުޅިގެންނެވެ. މިފަހަރުގެ ކޯހުގައި 22 ފުލުހުން ބައިވެރިވާ ކަމަށް، ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވެ އެވެ.

Advertisement
Article Inside

މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ދެއްކެވި ވާހަކައިގައި، ފަސްޓްލައިން މެނޭޖާސް އަކީ މުއައްސަސާގެ މެނޭޖްމަންޓު އަދި ފްރޮންޓްލައިން އޮފިސާސް ގުޅުވައިދޭ ބްރިޖު ކަމަށްވުމާއެކު ހުރިހާ ބައިވެރިންނަކީ ވެސް ނަމޫނާ ފުލުހުންނަށް ވުމަށް ނަސޭހަތްދީފައިވެ އެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ވެސް ޕްރޮފެޝަނަލްވުމާއި އަދި ނަޒާހާތްތެރިކަން އިސްކުރުމާއެކު އަޚުލާގު ރަނގަޅު ކިޔަމަންތެރި ފުލުހުން ތަކެއްގެ ގޮތުގައި ދެމި ތިބުމަށް ހިތްވަރުދެއްވި އެވެ.

މީގެ އިތުރުން، ޕްރޮގްރާމް ނިމިގެންދާއިރު ލީޑާޝިޕް ހުނަރުތަކާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު ކަންކަން އެފެކްޓިވް ގޮތަކަށް ހައްލު ކުރާނެ ގޮތްތައް ދަސްވެގެން ދާނެ ކަމަށާއި، ލިބިގެންދާ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ގޮތުން އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ހެޔޮ ބަދަލެއް ގެނައުމަށް ބުރަކޮށް މަސައްކަތް ކުރުމާއި، އެކުވެރިންނަށް ބޯލަނބައި ކިޔަމަންތެރި ބައެއްގެ ގޮތުގައި ދެމި ތިބުމަށް ވެސް ނަސޭހަތް ދެއްވި އެވެ.

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި ކޯސް ކުރިއަށް ދާނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަ ކޮށްގެން، ލ.ގަމުގައި އެވެ. މި ކޯހުގައި ބައިވެރިވަނީ ތ.އަތޮޅުން ނުވަ ފުލުހުން އަދި ލ.އަތޮޅުން 13 ފުލުހުންނެވެ.

މި ކޯހަކީ ލާމަރުކަޒީ އުސޫލުން ކުރިއަށް ގެންދިއުމަށް ފަރުމާ ކުރެވިގެން، ހުރިހާ ރީޖަންތަކެއްގައި ތިބި ސާޖަންޓް އަދި ސީނިއާ ސާޖަންޓް ރޭންކުގެ ފުލުހުންނަށް ހާއްސަ ކޮށްގެން، އެ ރީޖަންތަކުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ. މި ކޯހުގެ ސަބަބުން، ފަސްޓްލައިން މެނޭޖަރުންގެ ލެވެލްގައި ގާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ ޒަމާނީ އިލްމާއި، ހުނަރާއި، މައުލޫމާތު ލިބިގެންދާނެ އެވެ.

މީގެ އިތުރުން މި ކޯހުގައި "ލީޑާޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑާޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިން، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް" ގެ އިތުރުން ކޯހުގައި ކިޔަވައިދެވޭ މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިން ކުރިއަށް ގެންދާނެ އެވެ. އަދި ޕްރެޒެންޓޭޝަން ސްކިލްސް އާއި ކޮމިއުނިކޭޝަން ސްކިލްސް އުނގަންނައިދޭނެ އެވެ.

ހަމައެހެންމެ، ކޯސް ނިންމާ ބައިވެރިންނަކީ ޑްރިލްގެ ކޮމާންޑު ތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ ގޮތުން ޑްރިލް ކްލާސްތަކުގެ އިތުރުން، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ގޮތުން 7 ކިލޯ މީޓަރުގެ ދުވުމެއް ކުރިއަށް ގެންދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް