ޕާކިސްތާންގެ ފޮރިން މިނިސްޓަރު ރައީސް މުޢިއްޒުއާ ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
ޕާކިސްތާންގެ ފޮރިން މިނިސްޓަރު އަދި ބޮޑު ވަޒީރުގެ ނައިބު އިސްހާގް ދާރް، ރައީސް ޑޮކްޓަރު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާަމްގެ ޒިޔާރަތުގެ ތެރެއިން.
ޕާކިސްތާންގެ ފޮރިން މިނިސްޓަރު މުޙައްމަދު އިސްހާގު ދާރް، ދިވެހިރާއްޖޭގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް މުޢިއްޒު މިހާރު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބުދަ ދުވަހު އެ ޤައުމުގެ ފޮރިން މިނިސްޓަރު ދާރް ވަނީ ރައީސް މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. ދާރް އަކީ ޕާކިސްތާންގެ ފޮރިން މިނިސްޓަރުގެ އިތުރުން، އެ ޤައުމުގެ ބޮޑު ވަޒީރު ނައިބު އެވެ.
ރައީސް މުޢިއްޒު އާއި ޕާކިސްތާންގެ ފޮރިން މިނިސްޓަރ ދާރްގެ ބައްދަލުކުރެއްވުމުގައި ވަނީ ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. މިދަތުރުފުޅުގައި ރައީސް މުޢިއްޒު ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

މިއީ 10 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާން އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަރިހުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު އާއި، ހޯމް މިނިސްޓަރު އަލީ އިޙުސާން އާއި، ހެލްތު މިނިސްޓަރު ޤީލާ އަލީ އަދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ބައިވެރިވެ ވަޑައިގަންނަވަ އެވެ. މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންފައި މި ވަނީ ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް