ކުރިއަށް އޮތްތަނުގައި އޮޑީގެ ކުޅުން ބޮޑުތަނުން ރަނގަޅުވާނެ: ކޯޗު
ލިޔުންތެރިޔާ
ކޯޗު ޕްރެސްގައި -- ފޮޓޯ/އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނަ މެޗަކީ އޮޑި ސްޕޯޓްސް ކްލަބަށް އޮތް ވަރަށް ބޮޑު ޗެންޖަކަށް ވިއަސް ރަނގަޅު ނަތީޖާ ހޯދޭނެ ކަމަށް އެ ޓީމުގެ ކޯޗު، އާޖެންޓީނާގެ ލޫޝިއާނޯ ތެއިލާ ބުނެފި އެވެ.
މި ސީޒަނުގައި އޮޑިން ގެނައި ފުރަތަމަ ކޯޗު، ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ މަގާމުން ދޫކޮށްލުމަށްފަހު، ޓީމާ ހަވާލުވި ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ނިއު ރޭޑިއަންޓާ ވާދަކޮށް 2-2 އިން ވަނީ އެއްވަރުވެފަ އެވެ.
އީގަލްސްއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލޫޗޯ ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު ޓީމަކީ ވަރަށް މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް އޮޑި އޮތީ މި މެޗަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
ބޮޑު ޗެލެންޖެއް މިއީ އަހަރެމެންނަށް، އިދިކޮޅަށް ނުކުންނަ ޓީމު ވަރަށް ރަނގަޅަށް ކުޅޭ. ވަރަށް ރަނގަޅު ކުޅުންތެރިން ތިބީ ވެސް. އަހަރެމެން މި ތިބީ ރަނގަޅު ވާދައެއް ކުރަން ތައްޔާރަށް.
ކުޅުންތެރިންގެ މަސައްކަތްތަކާމެދު ހިތްހަމަޖެހޭކަން ހާމަކުރަމުން އޭނާ ބުނީ، ޓީމުން މެޗުގެ ކޮންޓްރޯލް ހޯދަން މަސައްކަތްކުރާކަން ފެންނަ ކަމަށާއި ނަމަވެސް ގޯލު ކުރިމަތީގައި ފުރުސަތުތައް ރަނގަޅަށް ނިންމާލާށާއި، މެޗުގެ ސަމާލުކަން ގެއްލުނަ ނުދީ ހިފެހެއްޓުމަށް އިސްކަންދޭންޖެހޭ ކަމަށެވެ.
މިވަގުތު ލީގުގައި އީގަލްސް ފަސް މެޗުން 10 ޕޮއިންޓާ އެކު ދެވަނައިގައި އޮތްއިރު، އޮޑި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ފަސްވަނައިގަ އެވެ.
އީގަލްސް އާއި އޮޑި ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް