އިމާރާތްތަކުގައި ހުޅުޖަހަން އެމްޑީޕީގެ އެކްޓިވިސްޓު "ޑެތު" ބުނި މައްސަލަ ވެސް ފުލުހުން ބަލަނީ
ލިޔުންތެރިޔާ
ރައީސް ނަޝީދުއާއި ޖުމާން ---
ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، އިމާރާތްތަކާއި ދުއްވާ އެއްޗެއްސަށް ގެއްލުންދީ، ފިހާރަތައް ލޫޓުވުމަށް ގޮވާލި އެމްޑީޕީގެ އެކްޓިވިސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މީގެ ކުރިން އެމްޑީޕީން ބޭއްވި އެކިއެކި ހަރަކާތްތަކުން މަޝްހޫރިވި އަލީ ޖުމާން "ޑެތު" ވަނީ މީސްމީޑިއާ މެދުވެރިކޮށް، ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ނަމުގައި މުދަލާއި އިމާރާތްތަކުގައި އަލިފާން ރޯކުރުމަށާއި، ވެހިކަލްތައް އަންދާލުމުގެ އިތުރުން ވިޔަފާރި މަރުކަޒުތައް ލޫޓުވުމަށް ހިތްވަރުދީ ބާރުއަޅައިފައެވެ.
އެކަމާ ގުޅިގެން ފުލުހުން "ވަގުތު"އަށް ވިދާޅުވީ، މީސް މީޑިއާގައި ދައުރުވަމުންދާ އެ ޕޯސްޓު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިއީ މިފަދަ ހަމަނުޖެހުމަކަށް ގޮވާލައިގެން ފުލުހުން ބަލަން ފެށި ދެވަނަ މައްސަލައެވެ. އެގޮތުން، ދައުލަތުގެ ތިން ބާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިސް އަދި ސުޕްރީމް ކޯޓުގައި އަލިފާން ރޯކުރުމަށް ގޮވާލި މައްސަލައެއް ވެސް އިއްޔެ ވަނީ ފެންމަތިވެފައެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ މައްޗަށެވެ. ފުލުހުން ވިދާޅުވެފައިވަނީ ހަސަން ޒިހާންގެ ނަމުގައި ފޭސްބުކްގައި ޝާއިއުކޮށްފައިވާ އެ ޕޯސްޓުގެ މައްސަލަ ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
ދައުލަތުގެ އިމާރާތްތަކުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައިގައި އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް