ޕާކިސްތާންގެ އިސްލާމިކް ޔުނިވާސިޓީ އިން ރައީސް މުޢިއްޒު އަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި
ލިޔުންތެރިޔާ
ޕާކިސްތާންގެ އިސްލާމިން ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ރައީސް މުޢިއްޒު އަށް އޮނޮރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމުގެ ތެރެއިން.
ޕާކިސްތާންގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން، ރާއްޖޭގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި އެވެ.
މި އޮނަރަރީ ޑޮކްޓަރޭޓް ރައީސް މުޢިއްޒު އަށް އަރުވާފައި ވަނީ ބުދަ ދުވަހު ޕާކިސްތާންގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި އޮތް ރަސްމިއްޔާތެއްގައި އެވެ. ރައީސް މުޢިއްޒު އަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވަމުން އެ ޔުނިވާސިޓީ އިން ބުނެފައި ވަނީ، އެއީ އެމަނިކުފާނު ސިޔާސީ ދާއިރާ އިންނާއި، ޚާރިޖީ ދާއިރާ އިން ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެރުވި އޮނަރަރީ ޑޮކްޓަރޭޓެއް ކަމަށެވެ.
ރައީސް މުއިއްޒު އަށް އެ ޝަރަފު އެރުވުމުގެ މަަޤުސަދަކީ ދިވެހިރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްތަކާއި، މާތްވެގެންދާ އިސްލާމްދީނުގެ ދިފާއުގައި ކުރައްވާއިފާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް އެ ޔުނިވާސިޓީ އިން ވަނީ ބުނެފައި އެވެ. ރައީސް މުޢިއްޒު އަށް އެ ޝަރަފު އެރުވުމުގެ ރަސްމިއްޔާތުގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.
އަންގާރަ ދުވަހުގެ ރޭ ރައީސް މުޢިއްޒު ޕާކިސްތާން އަށް ވަޑައިގެންނެވީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެވެ. އެއީ ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ދައުވަތަކަށް ރައީސް މުޢިއްޒުގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު ޕާކިސްތާން އިން ރައީސް މުޢިއްޒު އަށް ރަސްމީކޮށް މަރުޙަބާ ދެންނެވިއިރު، ދެ ޤައުމުގެ ދެ މެދުގައި ވަނީ 20 އެމްއޯޔޫއެއްގައި ސޮއި ކޮށްފައި އެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ތާރީޚީ ދަތުރުފުޅެކެވެ. އެގޮތުން މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހި ރައީސަކު ޕާކިސްތާން އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަނެއްކޮޅުން މިއަހަރަކީ ރާއްޖެ އާއި ޕާކިސްތާންގެ ގުޅުނަށް 60 އަހަރު ފުރުނު އަހަރަށް ވާއިރު، ރައީސް މުޢިއްޒުގެ މި ދަތުރުފުޅަށް ޕާކިސްތާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް