ފުވައްމުލަކުގައި މިފްކޯގެ މަސް ފިހާރައެއް ހުޅުވައިފި
ލިޔުންތެރިޔާ
ފުވައްމުލައް ސިޓީގައި މިފްކޯގެ މަސް ފިހާރަ ހުޅުވުމުގެ ތެރެއިން.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިފްކޯގެ މަސް ފިހާރަ ފުވައްމުލަކު ސިޓީގައި ހުޅުވައިފި އެވެ.
މިފްކޯ އިން މައުލޫމާތު ދީފައިވާާ ގޮތުގައި، މިއީ ރާއްޖޭގެ ސިޓީ ތަކުގައި މިފްކޯގެ މަސް ފިހާރަތައް ހުޅުވުމަށް ކުންފުނިން ނިންމާފައިވާ ނިންމުމުގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ދެ ވަނަ މަސް ފިހާރަ އެވެ. މީގެ ކުރިން، މިއަހަރުގެ މެއި މަހުގެ ފަހު ކޮޅު އައްޑޫ ސިޓީ ހިތަދޫގައި ވަނީ މަސް ފިހާރައެއް ހުޅުވާފައިއެވެ.
މީގެ އިތުރުން، މާލޭގެ ދެ ފިހާރަ އާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯ އިން އަންނަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ. މިއީ މިފްކޯ އިން ހުޅުވި އެ ކުންފުނީގެ ހަތް ވަނަ މަސް ފިހާރަ އެވެ.
ފުވައްމުލަކުގައި މަސް ފިހާރަ ޤާއިމު ކޮށްފައިވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފުވައްމުލައް ފިޝް ޕްރޮސެސިން ފެސިލިޓީއާ އިންވެގެންނެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވައި ދެއްވީ މިފްކޯގެ މެނޭޖިން ޑައިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު އަނަސް އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކު ރައްޔިތުން ބައިވެރިވި އެވެ.
ފުވައްމުލަކު މަސްފި ހާރައިގެ ސަބަބުން އެރަށު ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދު ނުކެނޑި ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މި ފިހާރަ އިން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.
މިފްކޯގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު، ކުންފުނީގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް މިފްކޯ އިން ބުނެ އެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ނަފާ އިތުރުކޮށްދިނުން ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް