Article Top
ޚަބަރު •

ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން މަޝްވަރާކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން މަޝްވަރާކޮށްފި

ހުޅުމާލޭގައި ގަސް އިންދުމުގެ ހަރަކާތް ބޭއްވުމާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިން.

ސަރުކާރުގެ އިސްނެގުމާ އެކު މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމަށް މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދުގައި އެވެ.

Advertisement
Article Inside

މި މަޝްރޫއާ ގުޅޭ ގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، މި ހަރަކާތް ހުޅުމާލޭގައި އިންތިޒާމުކޮށް ކުރިއަށް ގެންދާނެ ގޮތްތަކާއި، ގަސް އިންދުމަށް އެންމެ އެކަށޭނަ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރެވިފައި އެވެ. އަދި މި ޙަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުންނާއި، ޖަމުއިއްޔާ ޖަމާއަތްތައް ބައިވެރިކުރުމަށް ވަނީ މަޝްވަރާކުރެވިފައި އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ފަށާފައިވާ މަޝްރޫއެކެވެ. މިގޮތުން ހުޅުމާލެ އަކީ ފެހިކަން ގަދަ، ހިތް ފަސޭހަ އަދި ދިރިއުޅެން ފަހި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީ އިން އަބަދު ވެސް ޚާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ތަކެއް ކުރަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އާއެކު ބޭއްވުނު ބައްދަލުވުމާ ގުޅޭ ގޮތުން އެޗްޑީސީ އިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގަސް އިންދުމުގެ މި ބޮޑު ހަރަކާތް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ. އަދި މި ހަރަކާތުގެ ސަބަބުން ހުޅުމާލޭގެ ތިމާވެށި އިތުރަށް ފެހިވެ، ޤައުމީ ފެންވަރުގައި ކުރިއަށްދާ ފަސް މިލިއަން ގަސް އިންދުމުގެ ލަނޑު ދަނޑި ޙާސިލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަން އިން ފާހަގަކުރެ އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޚާއްސަ އިސްނެންގެވުމާ އެކު ސަރުކާރުން ފެށި މަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 2.4 މިލިއަން ގަސް އިންދައިފަ އެވެ. މި ޙަރަކާތުގައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުގެ އިތުރުން، ރަށްތަކާއި ސިޓީ ތަކުގެ ކައުންސިލްތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް