ވަޠަނީ ޚިދުމަތް ވެގެންދާނީ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅޭ ހަރުދަނާ ބިންގަލަކަށް: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާ ނެޝަނަލް ސާވިސް އިނީޝަން ޓްރޭނިންގެ 4 ވަނަ ބެޗުގެ ބައިވެރިން.
ސަރުކާރުން ކުރިއަށް ގެންދާ ވަަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ދިވެހި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅޭ ހަރުދަނާ ބިންގަލަކަށް ކަމަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒުގެ އިސްނެންގެވުމާ އެކު ފެށި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާ ނެޝަނަލް ސާވިސް އިނީޝަން ޓްރޭނިންގެ 4 ވަނަ ބެޗު ވަނީ ހޮނިހިރު ދުވަހު ފަށައިފަ އެވެ. މިފަހަރުގެ ޕްރޮގްރާމްގައި 352 ޒުވާނުން ބައިވެރިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން، 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ކަމަށެވެ.
ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރުމަށް ހިތްވަރާ އަޒުމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެ ހިތްވަރު ދެއްވައިފަ އެވެ.
އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު ކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ، ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް ކަމަށެވެ.
ސަރުކާރުން ކުރިއަށް ގެންދާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް އަކީ ކާމިޔާބު ޕްރޮގްރާމަކަށް ވާއިރު، މިއީ ގިނަ ބެލެނިވެރިންނާއި، ޒުވާނުން ވެސް ވަރަށް ބޮޑަށް ބަަލައިގެންފައިވާ ޕްރޮގްރާމް އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް