"ރަސްމާލޭގައި ތަރައްޤީ ކުރާ ޕްރޮޕަޓީތަކުގެ ފުރަތަމަ މުއާމަލާތުން ވެސް، ދައުލަތަށް %10 އާމްދަނީ ލިބޭނެ"
ލިޔުންތެރިޔާ
ކެބިނެޓުގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުއްޠަލިބު ބައިވެރިވެ ވަޑައިގަންނަވަނީ.
ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްޤީ ކުރާ ތަންތަން ނުވަތަ ޕްރޮޕަޓީތަކުގެ ފުރަތަމަ މުއާމަލާތުން ވެސް، ދައުލަތަށް 10 އިންސައްތަ ފައިދާ ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ފެށި މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްޠަލިބު ވަނީ، ރަސްމާލެ މަޝްރޫއަކީ ދައުލަތަކަށް ފައިދާ ލިބޭނެ ގޮތަަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަށް އެންމެ ރަނގަޅު ގޮތަކީ ރާއްޖެ އަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި، އަމާންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން ކަމަށެވެ.
އެގޮތުން ރިއަލްއެސްޓޭޓްގެ ވިޔަފާރި އަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި މިހާރު ވެސް ބޭނުން ކުރަމުން އަންނަ ބާވަތެއް ކަމަށާއި، ދިވެހި ސަރުކާރުން ވެސް ރިއަލްއެސްޓޭޓް ދާއިރާ ކުރިއަރުވަން މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، އެއީ ރާއްޖެ އަށް ހުރިހާ ގޮތަކުން ވެސް ފައިދާ ވާނެ މަޝްރޫއެއް ކަމަށެވެ. އަދި އެއީ ދިވެހި ދައުލަތަށް ވެސް އެންމެ ފައިދާ ވާނެ މަގުން ހިންގާ މަޝްރޫއު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
އެގޮތުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ރަސްމާލޭގައި ތަރައްޤީ ކުރާ ތަންތަން ނުވަތަ ޕްރޮޕަޓީތަކުގެ އެންމެ ފުރަތަމަ މުއާމަލާތުން ވެސް ދައުލަތަށް 10 އިންސައްތައިގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެކަމުގެ ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، އެއީ 8،800 އަށް ވުރެ ގިނަ ތަންތަން ނުވަތަ ޕްރޮޕަޓީތަކުން ލިބޭ 3.1 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ކަމަށެވެ. ހަމައެހެންމެ، ކޮންމެ ޕްރޮޕަޓީއެއްގެ ފުރަތަމަ މުއާމަލާތުން 1.2 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ސަބަބުން ދިވެހި ދައުލަތަަށް ލިބޭ ފައިދާގެ ވާހަކަ މީގެ ކުރިން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެ މަޝްރޫއާ އެކު، ރާއްޖެ އަށް މުޅިން އަލަށް އަހަަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަަމަށް ވަނީ އަންދާޒާ ކުރެވިފައި އެވެ. އެކަމުގެ ސަބަބުން އަހަރަކު ދެ ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ދާދި ފަހުން ޓީވީ ޕްރޮގްރާމެއްގައި އިންޓަވިޔުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވެފައި ވަނީ، ރަސްމާލޭގެ ސަބަބުން ޑައިރެކްޓްލޯ އެ ސަރަަހައްދުން އެކަނި 15،000 ވަޒީފާ އުފެދޭނެ ކަަމަށެވެ. އަދި އެ ސަރަހައްދަށް ބޭނުންވާ އެހެނިހެން ޚިދުމަތްތަކުން ވެސް އިތުރު ވަޒީފާ ތަކެއް އުފެދިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް