ޚަބަރު

ޒީވާ ނިޔާވި އެކްސިޑެންޓު: ބެލެވެނީ ފަހުން ފަހަތުން އައި ކާރަކުން ޖެހުނީ ކަމަށް

ފާތިމަތު

ލިޔުންތެރިޔާ

ޒީވާ ނިޔާވި އެކްސިޑެންޓު: ބެލެވެނީ ފަހުން ފަހަތުން އައި ކާރަކުން ޖެހުނީ ކަމަށް

ޒީވާ ނިޔާވި އެކްސިޑެންޓު---

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އުމުރުން 9 އަހަރުގެ ޒީވާ ސިނާން އަހްމަދު ނިޔާވީ އޭނާ އިން ސައިކަލު އެކްސިޑެންޓުވެ ވެއްޓުމުން ފަހަތުން އައި ކާރަކުން ޖެހިގެންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓު. ހިނގަން މެދުވެރިވީ ސައިކަލް އޯވަޓޭކް ކުރުމުގެ ތެރޭގައި އެހެން މީހެއްގެ ގައިގައި ސައިކަލުން ޖެހި ސައިކަލު ވެއްޓުނު ވަގުތު ފަހަތުން ދުއްވާފައި އައި ކާރަކުުން ޖެހިގެން ނުވަތަ ގައިމައްޗަށް ކާރު އަރައިގެން ކަމަށް ބެލެވޭ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓުގެ ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައި ވަނީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ޒީވީ އިން ސައިކަލު އެ ކާރު އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެ ޑްރައިވަރުގެ ގައިގައި ޖެހި ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނީ ކަމަށެވެ.

އަދި އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާ ކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ތަހުގީގަށް ބެލެވޭކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓުވީ އެހެންވެތޯ ކަށަވަރު ކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވަނީ ހިފަހައްޓާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނިގިއިރު ޒީވާ އިނީ އުމުރުން 18 އަހަރުގެ އޭނާގެ ބޮޑުދައިތަ ދުއްވި ސައިކަލުގެ ފަހަތުގައެވެ. އެ އެކްސިޑެންޓުގައި ޒީވާއާއި އޭނާގެ ބޮޑުދައިތައަށް ވެސް އަނިޔާވިއެވެ. ނަމަވެސް ބޮޑަށް އަނިޔާވީ ޒީވާއަށެވެ. ޒީވާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.

އެހެންކަމުން ޒީވާގެ ހާލު ސީރިއަސްކަމުން އޭނާއަށް ފަރުވާ ދެމުންއައީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް ޒީވާ ނިޔާވީ އިއްޔެ ފަތިހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް