ރައީސް ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ކިބުރުވެރިކަމުން: ޢަބްދުއްރަޙީމް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަން ނިމުނީ އެމަނިކުފާނުގެ ބޮޑާކަމާއި ކިބުރުވެރިކަމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ޢަބްދުއްރަޙީމް ވަނީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ސަރުކާރަށް ނިސްބަތް ކުރައްވައި ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަ ތަކަށް ރައްދު ދެއްވައިފަ އެވެ.
އެގޮތުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް މުޢިއްޒު އާއި، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު އަދި ޢަބްދުއްރަޙީމްގެ ވެރިކަން ނުނިމޭ ކަމަށެވެ. އޭގެ ބަދަލުގއި ނިމުނީ ރައީސް ޔާމީންގެ ވެރިކަން ކަމަށް ފާހަގަ ކުރައްވައި ޢަބްދުއްރަޙީމް ވަނީ، ރައީސް ޔާމީންގެ ވެރިކަން ނިމުނު ބައެއް ސަބަބުތައް ސާފުކޮށްދެއްވައިފަ އެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމުންނާއި، ކިބުރުވެރިކަމުގެ ސަބަބުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި އެވެ. ހަމަ އެހެން ނުލަފާކަމާއި، ބަސް ނޭހުމާއި، އަދުލު އިންސާފު ޤާއިމު ނުކުރުމާއި، އަނިޔާވެރިވުމާއި، ޚިޔާނާތްތެރިވުމާއި، ރައްޔިތުންގެ ބައިތުލްމާލު ދިރުވާލުން އަދި އަނބިމީހާގެ ދަށުވުމަކީ ވެސް ވެރިކަން ނިމުނު ސަބަބު ތަކެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި އެވެ.
ޕީއެންސީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ވެސް ހުންނެވި ޢަބްދުއްރަޙީމް ވަނީ މިއަދު ދިވެހި ރާއްޖޭގައި އަދުލު އިންސާފު ޤާއިމު ކުރެވި، މަގުތައް އަމާންވެ، އަދި ރައްޔިތުންނަށް ހަމަޖެހުން ލިބެމުން އަންނަ ކަމަށް ވިދާޅުވެފައި އެވެ. ސަރުކާރުގެ ފަސް އަހަރު އަދި ނުނިމޭ ކަމަށާއި، ސަރުކާރަށް ފާޑު ކިޔަން އަދި މާ އަވަސް ކަމަށް ވެސް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް