ކުޑަކުޑަ ޔަސީން ދިވެހި ސާފް ލީގުގައި އެންމެން އާޝޯހު ކޮށްލައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ޔަސީން ވަނީ އިއްޔެ ނިމުނު ކެރަންޑޫ މުބާރާތުގެ ޝޯޓްބޯޑް އޯޕަން އަދި ޖޫނިއާ ބައިގެ ޗެމްޕިއަންކަން ވެސް ހޯދައިފަ. -- ފޮޓޯ/ އެމްއެސްއޭ
ސީ ސްޕޯޓްސް ދިވެހި ސާފް ލީގު 2026 ގެ ތިންވަނަ އިވެންޓް، ލ. މާބައިދޫ "ކެރަންޑޫ" ގެ ފިރިހެން އޯޕަން ބަޔާއި ޖޫނިއާ ބައިގެ ޗެމްޕިއަންކަން އުމުރުން 16 އަހަރުގެ ޔަސީން އަހުމަދު ނާޝިދު ހޯދައިފިއެވެ.
މިއީ ޔަސީން އޯޕަން ޑިވިޝަން އިވެންޓްތަކުން ޖެހިޖެހިގެން ހޯދި ހަތަރުވަނަ ކާމިޔާބީ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ އެންމެ 15 އަހަރުގައި ރަންނަމާރި ޗެލެންޖްގައި އޯޕަން ބައިން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއަށް ފަހު މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ ދެ އިވެންތް ކަމަށްވާ ފުވައްމުލަކު އެލޭއިސް އާއި މ. މުލީގައި އޮތް މުލީކޮޅު ރާޅުގަނޑުގައި ވެސް ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ޔަސީން އެވެ.
ކެރަންޑޫ މެންސް އޯޕަން ޝޯޓްބޯޑް ފައިނަލގައި ޔަސީން ޗެމްޕިއަންކަން ހޯދީ ޖުމްލަ 16.00 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލުގައ ޔަސީން އާ ވާދަކުރި މުހައްމަދު އިނާން އަބްދުލް ހަންނާން އަށް ލިބުނީ 12.57 ޕޮއިންޓެވެ.

ޖޫނިއާ ފައިނަލްގައި ވެސް ޔަސީން ވާދަ ކުރީ އިނާންއާ އެވެ. ޖޫނިއާ ފައިނަލްގައި ޔަސީން 15.00 ޕޮއިންޓް ހޯދައި ޗެމްޕިއަންކަން ހޯދި އިރު، އިނާން އަށް ލިބުނީ 12.00 ޕޮއިންޓެވެ.
ކެރަންޑޫގައި ބޮޑީބޯޑިން ޑިވިޝަން ވެސް ކުރިއަށް ގެންދިޔަ އެވެ. މި ބައިން ޗެމްޕިއަންކަން ހޯދީ އަލީ ޖާވިދު (ޖާއްޓެ) އެވެ. ޖާއްޓެ ޗެމްޕިއަންކަން ހޯދީ 15.50 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލް ހީޓުގައި އޭނާއާ ވާދަ ކުރި މުހައްމަދު ނިފާޒް އަށް ލިބުނީ 12.17 ޕޮއިންޓެވެ.
މި އަހަރުގެ ދިވެހި ސާފް ލީގުގައި ދެން އޮތީ އެންމެ ފަހު މުބާރާތެވެ. އެއީ އަންނަ ނޮވެމްބަރު މަހަށް ތާވަލް ކުރެވިފައިވާ ރަންނަމާރި ޗެލެންޖް އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް