ކުޅިވަރު

ލީގަށް ތައްޔާރުވާން ވިކްޓްރީން ލަންކާއަށް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ލީގަށް ތައްޔާރުވާން ވިކްޓްރީން ލަންކާއަށް

ޓްރެއިނިން ކޭމްޕަށް ވިކްޓްރީގެ ކުޅުންތެރިން ފުރަސް ގޮސް --- ފޮޓޯ/ ވިކްޓްރީ

ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވާން ވިކްޓްރީ ސްޕޯޓްސް ކުލަބު ލަންކާއަށް ގޮސްފިއެވެ.

އިއްޔެ އެ ކުލަބުން ލަންކާއަށް ގޮސްފައިވަނީ އެ ގައުމުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށެވެ.

ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ނުކުންނަ ވިކްޓްރީން މިއަދު ލަންކާއަށް ފުރިއިރު، އެ ކުލަބުން މައުލޫމާތުދޭ ގޮތުގައި މި ކޭމްޕަކީ އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާނެ ކޭމްޕެކެވެ.

މިމަހުގެ 10 ވަނަ ދުވަހު ފަށާ ދިވެހި ޕްރެމިއާ ލީގަށް އެ ޓީމު ވަރުގަދަ ކުރުމަށް ވިކްޓްރީން ވަނީ ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިން ވަނީ އެ ޓީމަށް ގެނެސްފައެވެ.

އެގޮތުން މިހާރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު އިއްތިފާގުވާ ހަމްޒާ މުހައްމަދު (ހަމްޕު)ގެ ސޮއި އެ ޓީމުން ވަނީ ހޯދައިފައެވެ. އަދި ގައުމީ ޓީމުގެ މެދު ތެރޭގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުސައިން ނިހާން (ނިހާޓް)އާއި މިދިޔަ ސީޒަންގައި އީގަލްސްއަށް މޮޅުކުޅުމެއް ދައްކައިދިން ހިސާމް ސަލީމްގެ އިތުރުން މިދިޔަ ސީޒަންގައި ލޯނު އުސޫލުން ވިކްޓްރީއަށް ކުޅުނު އަހުމަދު ރިޒްވާން ވެސް ވަނީ އެ ޓީމަށް ގެނެސްފައެވެ.

މީގެ އިތުރުން އެ ޓީމަށް ވަނީ މާޒިޔާގައި މިދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއްދެއްކި އަދި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންކަމަށްވާ އިޒު ހަސަން (ދާދު)، ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި ޑެފެންޑަރު ސިފާއު ޔޫސުފް (ކުރޯ) ވެސް އެ ޓީމަށް ގެނެސްފައެވެ

އެ ޓީމުގެ ގޯލު މި ސީޒަންގައި ބަލަހައްޓާނީ ރާއްޖޭގެ ތަޖުރިބާކާރު ގޯލު ކީޕަރު އަދި މިދިޔަ ސީޒަންގައި އޮޑިއާއެކު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލްކުޅެ އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ޝަފީއު (ޗެކު)އެވެ.

ވިކްޓްރީއަށް ވަނީ މި ސީޒަންގައި ބިދޭސީ ދެ ޑިފެންޑަރަކާއި މިޑްފީލްޑަރެއް ގެނެސްފައެވެ. ޑިފެންޑަރުންގެ ތެރޭގައި ހިމެނެނީ މިދިޔަ ސީޒަންގައި ވެސް އެ ޓީމަށް ކުޅުނު ޑިފެންޑަރު ފުރްކަޖޯން ހަސަންބޮއޭވް އާއި މި ސީޒަނަށް އަލަށް ގެނައި ބްރެޒިލްގެ ޑިފެންޑަރު އާތޫރް އަރައުހޯއެވެ. އަދި މިޑްފީލްޑަރަކަށް ގެނައީ އުޒްބަކިސްތާންގެ މިރްޖަލޯލް ކަސީމޯފްއެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް