ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދުމަށް ކުރާ މަސައްކަތް ހަރުދާނަކުރުމަށް އިރުތިޝާމް ގޮވާލައްވައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިނިސްޓަރު އިރުތިޝާމް އޯއިސީގެ ބައްދަލުވުމުގައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އޯއައިސީ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި އިރުތިޝާމް ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލީ ދައުލަތުގެ މިލްކެއްކަމުގައި ނިންމައި ފަލަސްތީނުގެ ބިންތައް ހިސާރުކުރަމުންދާ މައްސަލަ ކުށްވެރިކުރެއްވިއެވެ.
މީގެ އިތުރުން، އިސްރާއީލުގެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވައި އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ވެސް މިނިސްޓަރު ވަނީ ފާޅުކުރައްވައިފައެވެ.
އިރުތިޝާމް ވިދާޅުވީ އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަކީ އޯއައިސީ މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަމަށާއި، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފުޅާކުރުން މުހިންމުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިރުތިޝާމްގެ ތަގުރީރުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ހައްގުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ.
ދެމެހެއްޓިނިވި ސުލްހައަކަށް އޮތް މަގެއްގެ ގޮތުގައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށް ވެސް މިނިސްޓަރުގެ ތަގުރީރުގައި ގޮވައިލެއްވިއެވެ.
އޯއައސީ އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ގައި މި ޖަމުއިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.
ނަމަވެސް މިފަހަރުގެ ބައްދަލުވުމަކީ އޯއައިސީގެ ބައްދަލުވުމުގައި މިނިސްޓަރު އިރިތިޝާމް ބައިވެރިވެވަޑައިގެން ތަގުރީރުކުރެއްވި ފުރަތަމަ ބައްދަލުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް