ޚަބަރު

ޒިވާ ނިޔާވި އެކްސިޑެންޓު: ޖެހުނީ ލައިސެންސު ހިފަހައްޓައިފައި އޮތް ޑްރައިވަރުގެ ގައިގައި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޒިވާ ނިޔާވި އެކްސިޑެންޓު:  ޖެހުނީ ލައިސެންސު ހިފަހައްޓައިފައި އޮތް ޑްރައިވަރުގެ ގައިގައި

ޒީވާ ނިޔާވި އެކްސިޑެންޓު ހިނގައިފައި ---

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި އުމުރުން 9 އަހަރުގެ ޒީވާ ސިނާން އަހްމަދު ފުރަތަމަ ޖެހުނީ މަގުމަތީގައި މަޑުކޮށްފައި އޮތް ކާރަށް އަރަން އައި ލައިސެންސު މީގެ ކުރިން ހިފަހައްޓައިފައިވާ ޑްރައިވަރުގެ ގައިގައިކަމަށް ފުލުހުން ރޭ ބުނެފިއެވެ.

ރޭ މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓު. ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ޒީވީ އިން ސައިކަލު އެ ކާރު އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެ ޑްރައިވަރުގެ ގައިގައި ޖެހިގެންކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ޑްރައިވަރަކީ މީގެ ކުރިން ލައިސެންސު ހިފަހައްތައިފައިވާ ޑްރައިވަރަކަށްވާތީ، އޭނާ ވަނީ ޖޫރިމަނާކޮށް ފިޔަވަޅުފައިކަމަށެވެ.

ޒީވާ ނިޔާވި އެކްސިޑެންޓު ހިނގީ ސައިކަލް އޯވަޓޭކް ކުރުމުގެ ތެރޭގައި ކާރަށް އަރަން އައި އެ ޑްރައިވަރުގެ ގައިގައި ޖެހި ޖެހި ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓިގެންކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަދި އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާ ކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ތަހުގީގަށް ބެލެވޭކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓުވީ އެހެންވެތޯ ކަށަވަރު ކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވަނީ ހިފަހައްޓާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނިގިއިރު ޒީވާ އިނީ އުމުރުން 18 އަހަރުގެ އޭނާގެ ބޮޑުދައިތަ ދުއްވި ސައިކަލުގެ ފަހަތުގައެވެ. އެ އެކްސިޑެންޓުގައި ޒީވާއާއި އޭނާގެ ބޮޑުދައިތައަށް ވެސް އަނިޔާވިއެވެ. ނަމަވެސް ބޮޑަށް އަނިޔާވީ ޒީވާއަށެވެ. ޒީވާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.

އެހެންކަމުން ޒީވާގެ ހާލު ސީރިއަސްކަމުން އޭނާއަށް ފަރުވާ ދެމުންއައީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް ޒީވާ ނިޔާވީ އިއްޔެ ފަތިހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް