ކުޅިވަރު

ސާފްގެ ހިތްދަތިކަން ފިލުވާލައި ޒުވާން ޓީމު ކޮލިފައިންގައި އިތުބާރު ހޯދައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ސާފްގެ ހިތްދަތިކަން ފިލުވާލައި ޒުވާން ޓީމު ކޮލިފައިންގައި އިތުބާރު ހޯދައިފި

ޒުވާން ގައުމީ ޓީމު ލަންކާބަލިކޮށް ކޮލިފައިން ފޭސް އަށް ޕްރޮމޯޝަން ޔަގީން ކުރުމަށް ފަހު. -- ފޮޓޯ/ އެފްއޭއެމް

މި އަހަރު އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމަށް އަމިއްލަ ފަސްގަނޑުގައި ކުރިމަތިވީ ނާކާމިޔާބީއަށް ފަހު، ޒުވާން ޓީމު މި ވަނީ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ފުރިހަމަ ނަތީޖާތަކަކާ އެކު ކާމިޔާބީއެއް ހޯދައިފަ އެވެ.

ކޮލިފައިންގައި މި އަހަރު ރާއްޖެ ޑިވެލޮޕްމަންޓް ފޭސްގައި ވާދަ ކުރާއިރު، މި ވަނީ ގުރޫޕްގެ ފުރަތަމަ ދެ މެޗުން މޮޅުވެ، ދެން އޮންނަ މުބާރާތުގެ ކޮލިފައިންގެ ކޮލިފައިން ފޭސް އިން ފުރުސަތު ޔަގީން ކޮށްފަ އެވެ.

ފުރަތަމަ މެޗުގައި ރާއްޖެ ވަނީ 2-0 އިން ބުރުނާއީ ބަލި ކޮށްފަ އެވެ. އަދި ދެވަނަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސްރީލަންކާއާ ވާދަކޮށް 4-0 އިން މޮޅު ވެފަ އެވެ. ލަންކާއާ ދެކޮޅަށް ރާއްޖޭގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އިލާން އިމްރާނާއި މުހައްމަދު ޝަމްހާން އަދި ނައްސާހު އިބްރާހީމް ނާސިރެވެ. ނައްސާހު ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

Uploaded image

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ދެ ގޯލުގެ ލީޑެއް ހޯދާފައި ވަނިކޮށް ލަންކާ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ރާއްޖޭގެ މައްޗަށް ކުރި ހޯދުން ވީ ގަބޫލު ކުރަން ދަތި ނަތީޖާއަކަށެވެ. ނަމަވެސް އެކަމުން އަރައިގަނެ، ރާއްޖޭގެ ޒުވާން ޓީމު މިވަނީ އިތުބާރު ހޯދައިފަ އެވެ.

ޑިވެލޮޕްމަންޓް ފޭސްގެ ގުރޫޕްގެ ފަހު މެޗުގެ ކުރިން ރާއްޖެ މި ވަނީ ޕްރޮމޯޝަން ޔަގީން ކޮށްފަ އެވެ. ފަހު މެޗުގައި މިއަދު މެންދުރު ރާއްޖެ ގަޑިން މެންދުރު 2:30 ގައި ނުކުންނާނީ ގުރޫޕްގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ މިޔަންމާއާ ދެކޮޅަށެވެ.

ޑިވެލޮޕްމަންޓް ފޭސް ގައި ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް، 2028 ގައި ކުޅޭ 2029 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ކޮލިފައިން ފޭސް އިން ފުރުސަތު ލިބެ އެވެ.

ދިވެހި ފުޓްބޯޅައިގައި ކުރިއަށްދާން މަސައްކަތްކުރާ ޒުވާން ކުޅުންތެރިންގެ ޖީލަކަށް، މި ކޮލިފަޔާސްއަކީ ބައިނަލްއަގުވާމީ ތަޖުރިބާ ހޯދައި، އޭޝިއާގެ އުފެދެމުން އަންނަ ހުނަރުވެރިންނާ ދެކޮޅަށް ވާދަކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން އެ ކުޅުންތެރިން އަންނަނީ ފުރިހަމައަށް ހިފަމުންނެވެ.

ގުރޫޕް ކޭގައި ރާއްޖެ އާއި ގުރޫޕްގެ މެޗުތައް ހޯސްޓް ކުރާ މިޔަންމާ ވެސް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. މި ގުރޫޕްގައި ލަންކާ އާއި ބުރުނާއީ އަށް ވެސް ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް