ރާއްޖޭގެ ޒުވާން ޓީމާ ހުތުރު ބަހުން މުއާމަލާތް ކުރި ލަންކާ އެސިސްޓެންޓް ކޯޗު މަގާމުން ވަކި ކޮށްފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ލަންކާ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން. --
އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ކުޅުންތެރިންނާއި އޮފިޝަލުންނަށް ހުތުރުބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައިގައި ސްރީ ލަންކާ 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން މަގާމުން ވަކިކޮށްފިއެވެ.
މިޔަންމާގައި ކުރިއަށްދާ މި ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސް ގުރޫޕް ކޭ ގައި ރާއްޖޭން ވަނީ މިދިޔަ ބުރާސްފަތި ދުވަހު 0-4 އިން ލަންކާ ބަލިކޮށް، ސާފް މުބާރާތުގައި ލަންކާ އަތުންވީ ބަލީގެ ބަދަލު ހިފާފަ އެވެ.
އިމްރާން ލަންކާ ޒުވާން ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ މި އަހަރު އޮތް 20 އަހަރުން ދަށުގެ ސާޕް ޗެމްޕިއަންޝިޕާ ދިމާކޮށެވެ. އޭޝިއަން ކަޕް ކޮލިފައިން މެޗުގެ ނަތީޖާއާއެކު އިމްރާން އަހުލާގީ މިންގަނޑުން ބޭރުން އުޅުނު މަންޒަރު މެޗުގެ ލައިވް އިން ސާފުކޮށް ފެނެ އެވެ. އަދި މި މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވެސް އާއްމު ވެފަ އެވެ.
ފުޓްބޯލް ސްރީ ލަންކާ (އެފްއެފްއެސްއެލް) ގެ ރައީސް ޖަސްވާރު އުމަރު އިސްނަންގަވައިގެން ވަނީ އޭނާ ވަގުތުން މަގާމުން ވަކިކުރަން އަންގަވާފައެވެ.
ޖަސްވާރު ވިދާޅުވީ ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކަންޖެހޭ އޮފިޝަލެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ގުރޫޕްގައި ޖެހިޖެހިގެން ދެ މޮޅު ހޯދައި ރާއްޖެ އާއި މިޔަންމާ ވެސް ވަނީ ދެން އޮންނަ ކޮލިފައިންގެ ކޮލިފައިން ފޭސް އިން ޖާގަ ޔަގީން ކޮށްފަ އެވެ.
ޑިވެލޮޕްމަންޓް ފޭސްގައި ގުރޫޕް ކޭގެ އެއްވަނަ ކަނޑައަޅާނީ މިއަދު ރާއްޖެ އާއި މިޔަންމާ ބައްދަލުކުރާ މެޗުންނެވެ.
ސްރީލަންކާ އާއި ބުރުނާއީ ވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ބަލި ވެފަ އެވެ. ގުރޫޕްގެ ފަހު މެޗުގައި މިއަދު މި ދެ ޓީމު ބައްދަލު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް