މިދިޔަ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 2.1 އިންސައްތަ އިތުރުވެއްޖެ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ފަތުރުވެރިން ---
މިދި އޯގަސްޓުމަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޯގަސްޓުމަހު އައި ފަތުރުވެރިންނަށް ވުރެ 2.1 އިންސައްތަ އިތުރުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހުގެ އޯގަސްޓުމަހު ރާއްޖެއަށް ވަނީ 197,640 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ނަމަވެސަް މިދިޔަ އަހަރު އޯގަސްޓުމަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 193,529 ފަތުރުވެރިންނެވެ. އެހެންކަމުން މިއަަހަރުގެ އޯގަސްޓުމަހު ރާއްޖެއަށް މިދިޔަ އަހަރު އޯގަސްޓުމަހަށް ވުރެ 4،111 ފަތުރުވެރިން ވަނީ އިތުރަށް އައިސްފައެވެ.
މި މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގައެވެ. އެ ދުވަހު ރާއްޖެ 7,879 ފަތުރުން ވަނީ އައިސްފައެވެ. އަދި އެންމެ މަދުން ފަތުރުވެރިން އައި ދުވަހުގެ ގޮތުގައި ރިކޯޑު ކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެއީ 4,991 ފަތުރުވެރިންނެވެ. އެވްރެޖުކޮށް މި މަހު މިހާތަނަށް ދުވާލަކު 5,852 ފަތުރުވެރިން ރާއްޖެ އާދެއެވެ.
މި މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓުމަހާ އަޅާބަލާއިރު އިތުރުވި ނަމަވެސް މި އަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ 3.7 އިންސައްތް މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ.
މިހާރު ކުރިއަށްދާ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރު ރާއްޖެއައިސްފައިވަނީ 1,456,930 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރު މިހާތަނަށް 1,513,066 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިއަހަރު އެންމެ ގިނަ ފަތުރެވެރިން ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ 1 ނަންބަރު މާކެޓުކަމަށްވާ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް ވަނީ 267,386 ފަތުރުވެރިން އައިސްފައެވެ. އެއީ ރާއްޖެއައި ފަތުރުވެެރިންގެ 18.7 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. 209,179 ފަތުރުވެރިން އެ ގައުމުން އައިއިރު އެއީ 14.6 އިންސައްތަ ފަތުރުވެރިންނެވެ. ރާއްޖެ އައި 7.7 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެހެންކަމުން ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުން އިނގިރޭސި ވިލާތުން ވަނީ 110,561 ފަތުރު ވެރިން ރާއްޖެ އައިސްފައެވެ.
މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 97.8 އިންސައްތަ ފަތުރުވެރިން ރާއްޖެއައިސްފައިވަނީ މަތިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 1,424,664 ފަތުރުވެރިންނެވެ. ކަނޑު މަގުން ރާއްޖެއައިސްފައިވަނީ 15,583 ފަތުރުވެރިންނެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ 1.1 އިންސައްތައެވެ.
މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ 73.5 އިންސައްތަ ފަތުރުވެރިން ގޮސްފައިވަނީ ރިސޯޓުތަކަށެވެ. ގެސްޓު ހައުސްތަކަށް ދިޔައީ 22.1 އިންސައްތަ ފަތުރުވެރިންނެވެ. 2.3 އިންސައްތަ ފަތުރުވެރިން ހޮޓާތަކަށް ދިޔައިރު 1.9 އިންސައްތަ ފަތުރުވެރިން ދިޔައީ ސަފާރީތަކަށެވެ.
މިދިޔަ ބުދަ ދުވަހާ ހަމައަށް 179 ރިސޯޓަކުން 45,141 އެނދު ވަނީ ފަތުރުވެރިންނަށް ވިއްކައިފައެވެ. އެއީ ރާއްޖޭގެ ރިސޯޓުތަކުގައި އެނދު ހުރި ނިސްބަތުން 66 އިންސައްތައެވެ. އަދި 957 ގެސްޓު ހައުސްތަކުން ވަނީ 17,268 އެނދު ވަނީ ވިއްކައިފައެވެ. އެއީ 25 އިންސައްތަ އެނދެވެ. އަދި 172 ސަފަރީއަކުން 3,481 އެނދު ވިއްކިއިރު 16 ހޮޓަލަކުން ވަނީ 2,654 އެނދު ވިއްކައިފައެވެ.
ރާއްޖޭގައި މިވަގުތު ޓުއަރިސްޓުންނަށް ވިއްކުމަށް ހާއްސަކޮށްފައި ހުރީ 68,544 އެނދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް