ޚަބަރު

ދިރާގުގެ މެޖޯރިޓީ ހިއްސާއާއި އެމްޑަބްލިއުއެސްސީގެ ފުރިހަމަ ހިއްސާ ސަރުކާރަށް ހޯދަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދިރާގުގެ މެޖޯރިޓީ ހިއްސާއާއި އެމްޑަބްލިއުއެސްސީގެ ފުރިހަމަ ހިއްސާ ސަރުކާރަށް ހޯދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިރާގުގެ މެޖޯރިޓީ ހިއްސާއާއި ސަރުކާރުގެ ފެން ކުންފުނި (އެމްޑަބްލިއުއެސްސީ)ގެ ފުރިހަމަ ހިއްސާ އިއާދަކުރުމުގެ މަސައްކަތްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި އެ މަސައްކަތް މިހާރު ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ އެންމެ މުހިއްމު އެއް ނިންމެވުމަކީ ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް އިތުރުކޮށް ކުންފުނީގެ މެޖޯރިޓީ ކޮންޓުރޯލު ސަރުކާރަށް އިއާދަކުރުން ކަމަށެވެ. 

ދިރާގަކީ ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނީގެ ހިއްސާ ބޭރު ކުންފުންޏަކަށް ވިއްކައިލީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކަމަށެވެ. އަދި އެ ކުންފުނީގެ ހިއްސާއަކީ ރައްޔިތުންގެ މުހިއްމު އަގުހުރި ހަރު މުދަލެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވިއްކައިލި އެމްޑަބްލިއުއެސްސީގެ 20 އިންސައްތަ ހިއްސާ އަނބުރާ ދިވެހި ދައުލަތަށް ގަނެ އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަަށް ހެއްދެވުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންނަށް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމަށާއި، އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކޮންމެހެން އަޅަންޖެހޭ މުހިއްމު ފިޔަވަޅެކެވެ. އަދި އެމްޑަބްލިއުއެސްސީއަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 


ރައީސް އިތުރަށް ވިދާޅުވީ އެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ލުއިކޮށް ރަނގަޅަށް ކުރިއަށްގެންގޮސް ނިންމައިލެވޭނެ ކަމަށެވެ. އަދި މާލީ ވަޒީރާއި އެ މުއާމަލާތާ ގުޅޭ އެހެނިހެން ވުޒާރާތަކުން އެކަމުގައި ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތައް ހިއްސާކުރައްވަމުންދާނެ ކަމަށެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް