ކުޅިވަރު

ދިވެހި އަންހެނުންނަށް ކުޅިވަރުގެ ތާރީހުން އާ ސަފުހާއެއް: ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީއަކަށް އައިދާ!

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ދިވެހި އަންހެނުންނަށް ކުޅިވަރުގެ ތާރީހުން އާ ސަފުހާއެއް: ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީއަކަށް އައިދާ!

ބައިނަލްއަގުވާމީ ބީޗް ވޮލީބޯޅަ މުބާރާތެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު، އޭޝިއަން އިންޓަރނޭޝަނަލް ރެފްރީ ކެންޑިޑޭޓް އައިދާ އަބްދުލްހަކީމް ހޯދައިފި އެވެ.

މިއާ އެކު ރާއްޖޭގެ ކުޅިވަރު ތާރީހުގެ ތެރެއަށް އަންހެން ކަނބަލަކު މިވަނީ އޭނާގެ ނަން ރަން އަކުރުން ފަވާލައިފަ އެވެ.

އައިދާ މި ތާރީހީ ކާމިޔާބީ ހާސިލުކުރީ ބޫޓާނުގައި ކުރިއަށްދިޔަ "ކާވާ ބީޗް ވޮލީބޯލް ޓުއާ - ބޫޓާން އޯޕަން 2026" ގަ އެވެ. މި މުބާރާތުގައި އޭނާ ވަނީ ފުރަތަމަ ރެފްރީއެއްގެ ގޮތުގައި ކޯޓަށް ނުކުމެ، ނުހަނު އިތުބާރާއި ހުނަރާއެކު މެޗުތައް އިންސާފު ކޮށްދީފަ އެވެ.

މިއީ ކުޅިވަރުގައި އިންސާފުކުރުމުގެ ދާއިރާއިން (ރެފްރީކަމުން) ދިވެހި އަންހެނުންނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދިވެހި އޮފިޝަލުންގެ ދައުރު ދުވަހުން ދުވަހަށް ފުޅާވަމުން އަންނަކަމުގެ އަލިގަދަ ހެއްކެކެވެ.

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން މުޅި އޭޝިއާގައި ބީޗް ވޮލީ ފުޅާކުރަމުންދާއިރު، އޮފިޝަލުންނަށް ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ދިވެހިން ދަނީ ހިފަމުންނެވެ.

ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ އަންހެން ނައިބުރައީސްގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ އައިދާގެ މި ކާމިޔާބީއަކީ ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ގިނަ ދިވެހި އަންހެން ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް