އިއްޔެ އިމިގްރޭޝަނުން 400 އަށްވުރެ ގިނަ ބިދޭސީން މީހުން ޗެކްކޮށް، 13 މީހަކު ހައްޔަރުކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ބިދޭސީން ޗެކުކުރަނީ—
މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، ގިނަ އަދަދެއްގެ ބިދޭސީން ބަލައި ފާސްކޮށް އޭގެ ތެރެއިން 13 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ބިދޭސީން ގާނޫނާ ޚިލާފަށް ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމަށާއި، ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ދެނެގަތުމަށް ހާއްސަ ޓާސްކްފޯސްއަކުން މާލޭގައި ހިންގި ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ޖުމްލަ 426 ބިދޭސީއަކާ ސުވާލުކޮށް، އެމީހުންގެ ލިޔެކިޔުންތައް ޗެކްކޮށްފައިވެއެވެ.
މިގޮތަށް ޗެކްކުރެވުނު މީހުންގެ ތެރެއިން ރާއްޖޭގައި ސައްޙަ ވިސާއެއް ނެތި އަދި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަކަން ފާހަގަކުރެވުނު 13 ބިދޭސީއަކު މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިސްކަންދެއްވައިގެން ކުރިއަށްގެންދާ މި ސިލްސިލާ އޮޕަރޭޝަންތަކުގައި، ފާއިތުވި އަހަރާއި މިއަހަރުގެ މިހާތަނަށް ވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.
މިފަދަ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ބިދޭސީން ޑިޕޯޓޭޝަން ސެންޓަރަށް ބަދަލުކޮށް، އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ގާނޫނީ މަރުހަލާތައް އިމިގްރޭޝަނުން މިހާރުވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް